ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

މިހާރު ކުރިއަށް އެ ޕާޓީގެ މަތީ މަޖިލީހުގެ ތެރެއިން ބޭއްވި މިއިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.

Ad
rt

ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވި ބޭފުޅުންގެ ތެރޭގައި ވަޒީރު ޢަބްދުﷲ ރާފިއުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފެވެ.

އިންތިޚާބުގެ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ވަޒީރު ޢަބްދުﷲ ރާފިއުއަށް 968 ވޯޓު ލިބިވަޑައިގެންފައިވާއިރު، ވަޒީރު އަހުމަދު ޝިޔާމަށް ލިބިވަޑައިގަތީ 964 ވޯޓެވެ. އަދި މަޖިލިސް މެންބަރު ފާތިމަތު ސައުދާއަށް 923 ވޯޓު، މެންބަރު އިބްރާހިމް ޝުޖާޢަށް 862 ވޯޓު، ވަޒީރު މުހައްމަދު ސައީދަށް 833 ވޯޓު، އަދި މުހައްމަދު ހުސައިން ޝަރީފަށް ވަނީ 780 ވޯޓު ލިބިވަޑައިގެންފައެވެ. މި މަޤާމަށް ދެން ވާދަކުރެއްވި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލަށް 301 ވޯޓު ލިބިވަޑައިގެންނެވިިއިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް ލިބިވަޑައިގަތީ 288 ވޯޓެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި ހަ ބޭފުޅުން އިޤްރާރުވުން އޮންނާނީ މިރޭގައެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން އިންތިޚާބީ ކޮމިޓީއަށް އެ ޝަކުވާއެއް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން ވަނީ ހުޅުވާލާފައެވެ. އެ ޕާޓީން ބުނި ގޮތުގައި، ޝަކުވާތައް ހިއްސާކުރަންޖެހެނީ އިންތިޚާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީއާއެވެ. އަދި މިއަދު ހަވީރު 16:00 ގެ ފަހުން އެ ޝަކުވާތަކަށް ޖަވާބުދޭނެކަންވެސް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.