މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވެވި މި ޚާއްޞަ ރަސްމިއްޔާތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

Ad
rt

މި ރަސްމިއްޔާތުގެ ތެރެއިން މެލޭޝިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ސަގާފީ ހުށަހެޅުމެއް ވަނީ ހުށަހަޅައިދީފައެވެ. އަދި އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބޮޑުވަޒީރުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.

މެލޭޝިޔާ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދަންނެވުން، ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މި ރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު ދިވެހި ދައުލަތުގެ ޢިއްޒަތްތެރިން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި، މެލޭޝިއާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.