ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026"ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތަކީ ދިވެހި ސަޤާފީ ފަންނުތައް ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، ބޮޑުބެރުގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

Ad
rt

އެހެން އަހަރުތަކެކޭ އެއްފަދައިން، މި އަހަރުގެ ބޮޑުބެރު މުބާރާތަށް ވެސް ބޮޑެތި ޢަދަދުތަކުން ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.

އެގޮތުން 1 ވަނައަށް 75،000 ރުފިޔާ، 2 ވަނައަށް 50،000 ރުފިޔާ އަދި 3 ވަނައަށް 25،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އެންމެ މަޤްބޫލު ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް އެ ކުންފުނިން ކަނޑައަޅާފައިވެއެވެ.
ބޮޑުބެރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2026އެވެ.

މުބާރާތުގައި ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.

ބޮޑުބެރު މުބާރާތުގެ އިތުރުން ސަޤާފީ އެކި ހަރަކާތްތަކުގެ މުބާރާތުގައި ބައިވެރިވުމަށް ވެސް އެ ކުންފުނިން މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.