އޯގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން ސޯޝަލް މީޑިއާ މަންސަތަކުގައި ނާސާއިން ދުނިޔޭގެ ހަގީގީ ބައްޓަން ދައްކައިދީފި ކަމަށް ބުނެ، ދުނިޔެއަކީ ވައް އެއްޗެއް ނޫންކަމަށާއި އަލުވިއެއްގެ ސިފަޔަށް އޮންނަ ތަނެއް ކަމަށް ދައްކުވައިދޭ ޕޯސްޓްތައް ދަނީ ފަތުރަމުންނެވެ.
މިގޮތުން އެއް ވީޑިއޯއަށް އެކަނިވެސް ހަތަރު މިލިޔަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެ މަންޒަރުތަކުން ދުނިޔޭގެ ބައެއް ބައިތައް ވަރަށް ބޮޑަށް އަޑިގުޑަންކޮށް ދައްކުވައިދީފައިވެއެވެ. މިފަދަ ވާހަކަތަކެއް ފެތުރެން ފެށީ ޖުލައި މަހު ނާސާއިން ހާމަކުރި "ޖިއޮއިޑް" މޮޑެލްގެ މަންޒަރުތައް ނަހަމަ ގޮތުގައި މާނަކޮށްގެން ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި ޝާއިއުކުރުމާ ގުޅިގެންނެވެ. މި ފޮޓޯތައް ބައެއް ބޮޑެތި ނޫސް ތަކުން ނާސާ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ބުނެފައިވަނީ، ދައުރުކުރަމުންދާ ފޮޓޯ ތަކާއި ޕޯސްޓްތަކަކީ އެއްވެސް އަސްލެއް ނެތް ފޮޓޯތަކެއް ކަމަށެވެ. ނާސާއިން ހާމަކުރި ގޮތުގައި ޖުލައި 15 ގައި އާންމުކުރި އެ މޮޑެލްއަކީ 19 ސެޓެލައިޓަކުން 15 އަހަރު ވަންދެން އެއްކުރި އެތައް ބިލިއަން މައުލޫމާތެއްގެ މައްޗަށް އެކުލަވާލާފައިވާ "ޖިއޮއިޑް" އެއް ކަމަށެވެ. މިއީ ދުނިޔޭގެ ގްރެވިޓީ ނުވަތަ ދަމާބާރު އެކި ސަރަހައްދުތަކުގައި ހުންނަ މިންވަރު ހިސާބުކޮށްދޭ މެތެމެޓިކަލް މޮޑެލެކެވެ. ދުނިޔޭގެ އެކި ދިމާލުގައިވާ މާއްދާތަކުގެ ބަރުދަން ތަފާތުވުމުން، ދަމާބާރުގެ ވަރުގަދަމިންވެސް ތަފާތުވެއެވެ.

ސީއެންއާރުއެސްގެ ރިސާޗް އިންޖިނިއަރެއް ކަމަށްވާ ނިކޮލަސް ލަމްބަރޓް ފާހަގަކުރެއްވި ގޮތުގައި، ޖިއޮއިޑަކީ ދުނިޔޭގެ ފަރުބަދަތަކާއި އަޑިގުޑަންތައް ނުހިމަނައި ބައްޓަން ދައްކައިދޭ މޮޑެލެކެވެ. ނަމަވެސް، އޭގެ ތަފާތުތައް ލޮލަށް ފަސޭހައިން ވަކިކުރަން އެނގޭނެހެން ސައިންސްވެރިން ވަނީ ދަމާބާރުގެ އަސަރު މާބޮޑުކޮށް (އެގްޒެޖަރޭޓްކޮށް) ދައްކާފައެވެ. ސަބަބަކީ ދުނިޔޭގެ ދަމާބާރުގެ އެންމެ އުސް އަދި އެންމެ ތިރި ސަރަހައްދުގެ ތަފާތަކީ އެންމެ 191 މީޓަރު ކަމަށްވެފައި، އަސްލު މިންގަނޑުން އެކަން ނުފެންނާނެތީ، ނާސާއިން ވަނީ އެ ތަފާތުތައް 10،000 ގުނަ ބޮޑުކޮށްފައެވެ.
17 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން ދުނިޔެއަކީ ދެކޮޅަށް އޮބިފައިވާ ބޯޅައެއް ފަދަ އެއްޗެއްކަން އެނގިފައިވީ ނަމަވެސް، 19 ވަނަ ގަރުނުން ފެށިގެން ދުނިޔޭގެ ހަގީގީ ބައްޓަން ސިފަކޮށްދިނުމަށް އެންމެ ރަނގަޅީ "ޖިއޮއިޑް" ކަމަށް ވަނީ ބަލައިގެންފައެވެ. ނާސާއިން އެ ފޮޓޯތަކުގެ އަސްލު އޮޅުންފިލުވައިދީފައި ވީނަމަވެސް، މީސްމީޑިއާގައި ކުށްހީތައް އިތުރުވުމާ ގުޅިގެން ޖުލައި މަހު ނާސާގެ ޕޭޖު އަޕްޑޭޓްކޮށް، ހަގީގީ މިންގަނޑަށް ފެންނަ ވައް ބޯޅައެއް ފަދަ ދުނިޔޭގެ ފޮޓޯއެއްވެސް ވަނީ ހިމަނާފައެވެ.
Lumpy potato or just math?
The geoid is a mathematical model of Earth’s gravitational field, not what Earth actually looks like. Gravity is stronger where there’s more mass, so when those differences are scaled up by a factor of 10,000, the geoid gets lumpy. pic.twitter.com/6Z76seIkrE
— NASA Earth (@NASAEarth) August 11, 2026
ޖިއޮއިޑް މޮޑެލް ސައިންސްވެރިން ބޭނުންކުރަނީ ދުނިޔޭގެ ދަމާބާރަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ބިމާއި ޖައްވުގެ ނެވިގޭޝަނަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!