ނައިޖީރިއާގެ ގައުމީ ޓީމުތަކަށް ބޮޑެތި ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ނުލިބި، ކުރިމަތިވި ފިއްތުންތަކާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިބްރާހީމް ގުސާއު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބުރާސްފަތި ދުވަހު ގުސާއު އިސްތިއުފާ ދެއްވި އިރު، އެ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސަނޫސީ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 2022 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި ގުސާއު ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ ކަމާބެހޭ ފަރާތްތަކާއި އާއިލާއާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނައިޖީރިއާގެ ޓީމުތަކުން ދެއްކި ދަށް ކުޅުމާ ގުޅިގެން ކަންކަން ހިނގައިދިޔަ ގޮތް ބެލުމަށް އެ ފެޑެރޭޝަނުން ވަނީ ހަގީގަތް ހޯދާ ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.
ނައިޖީރިއާގެ ފިރިހެން ގައުމީ ޓީމު ނުވަތަ ސުޕަ އީގަލްސް އަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން ޕެނަލްޓީ ޖަހައިގެން 4-3 އިން ބަލިވުމުންނެވެ.
މީގެ އިތުރުން، ސުޕަ ފެލްކަންސްގެ ނަމުން މަޝްހޫރު އަންހެން ގައުމީ ޓީމަށް ވަނީ 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައެވެ. އެ ޓީމު ކެޓީ މި މަހުގެ ކުރީކޮޅު ކުޅުނު އިންޓަކޮންޓިނެންޓަލް ޕްލޭއޮފް މެޗުގައި ސައުތު އެފްރިކާ އަތުން 2-1 އިން ބަލިވުމުންނެވެ. މިއީ 1991 ވަނަ އަހަރު އެ މުބާރާތް ބާއްވަން ފެށި ފަހުން ނައިޖީރިއާގެ އަންހެން ޓީމު މުބާރާތަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!