ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

"މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ، އިސްލާމްދީނަކީ އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް ބާރުއަޅާ ފުރިހަމަ ދީނެއް ކަމަށެވެ.

Ad
rt

މި ހުތުބާގައި ގެނެސްދީފައިވާ މަތިވެރި ނަސޭހަތްތަކުން ބައެއް ނަސޭހަތްތަކަކީ،

އަޚުލާޤީ ރިވެތި ސިފަތަކުގެ މުހިންމުކަން

ހުތުބާގައި ފާހަގަކުރި ގޮތުގައި، މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނަމާދާއި، ރޯދައާއި، ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، ފަރުޟުތަކާއި ސުންނަތްތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުން ފަދަ ނުބައި ސިފަތައް ފެންނަމުންދާކަން ހުތުބާގައި ފާހަގަކުރިއެވެ.

ރަސޫލާގެ މަތިވެރި ނަމޫނާ

ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސީރަތުން މިސާލު ދައްކަވަމުން ހުތުބާގައި ބުނީ، އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތު ކުރެއްވުމުގައި ވެސް ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެ. މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއްކަން ބަޔާންކުރައްވައި ހުތުބާގައި ވަނީ ރަސޫލާގެ ޙަދީޘްފުޅެއް ގެންނަވާފައެވެ. "ހަމަކަށަވަރުން ﷲ سُبْحَانَهُ وَتَعَالَىއީ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ އޯގާތެރިކަމަށް ލޯބިކުރައްވައެވެ."

މަޢާފުކުރުމާއި ރުޅި މައިތިރިކުރުން

ދީންވެރި މުސްލިމަކީ ބަދަލުހިފުމުގެ ބަދަލުގައި މަޢާފުކުރުން އިސްކުރާ މީހެއްކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނީ، މީހަކު ކަމަކާ ރުޅިއައިސް އެ ކަމުގެ ބަދަލުހިފުމުގެ މައްޗަށް ކުޅަދާނަވެގެންވާ ޙާލުގައި ވެސް، އެ ރުޅި މައިތިރިކޮށްފި ނަމަ، ގިޔާމަތް ދުވަހުން އެ މީހަކަށް މަތިވެރި ސަވާބާއި ދަރުމަ ލިބޭނެ ކަމަށެވެ. އަދި ދުނިޔޭގައި ކިބުރުވެރިވެ ބޮޑާވެގަތް ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވި ހިނދު ވެސް، އޭނާއާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކެވުމަށް މާތް ﷲ އަމުރުކުރެއްވިކަން ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ވަނީ ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވުމަށާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްކޮށް، ހުރިހާ ކަމެއްގައި ވެސް މަޑުމައިތިރިކަން އިސްކުރުމަށް ވެސް ގޮވައިލާފައެވެ.