އީރާނުގެ ކުރީގެ ރޫހީ މުރްޝިދު މަރްޙޫމް އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބާއްވަމުން އަންނަ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ރޮއި ހަދާތީ ހައިރާންކަން ލިބިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ރައްޔިތުން ޚާމަނާއީ ދެކެ އިންތިހާއަށް ނަފްރަތު ކުރާ ކަމަށް މީގެ ކުރިން ހީފުޅު ކުރެއްވުނު ކަމަށެވެ.

Ad
rt

ސަރަހައްދީ ހަނގުރާމައާއި ތެހެރާންގައި ކުރިއަށްދިޔަ ޖަނާޒާގެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ ހީފުޅުކުރެއްވީ އީރާން މީހުން ޢަލީ ހާމަނައީދެކެ ރުޅިއަންނަ ކަމަށް ކަމަށެވެ.

މީގެ އިތުރުން ޖަނާޒާގެ މުއްދަތަށް ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާބަދަލުކުރުންތައް މެދުކަނޑާލުމަށް އެއްބަސްވިކަން ފާހަގަކުރައްވައި، އެމެރިކާއިން އެމީހުންނަށް "ހަފްތާއެއްގެ ޗުއްޓީއެއް" ދިން ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ދާޚިލީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލް އަދި ހުޅަނގުގެ ބައެއް ގައުމުތަކުގެ ވާގިވެރިކަމާއި ރޭވުމުގެ ދަށުން އީރާނުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައިވީނަމަވެސް، ޚާމަނާއީއަށް ވަފާތެރި ބޮޑު ލަޝްކަރެއް އެ ގައުމުގައި އޮވެއެވެ. މީގެ ތެރޭގައި ކޮންޒަވޭޓިވް ރައްޔިތުންނާއި، ދައުލަތުގެ މުވައްޒަފުން އަދި ބަސީޖް ފަދަ އަސްކަރީ ޖަމާއަތްތައް ހިމެނެއެވެ. މި މީހުންނަށް ޚާމަނާއީއަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫން ކަމަށާއި، އޭނާއަކީ ދީނީ ގޮތުން މުގައްދަސް އަދި ގައުމީ މިނިވަންކަމުގެ ރަމްޒެއް ކަމަށް ބަލައެވެ.

ހާމަނައީގެ ޖަނާޒާގައި އީރާނުގެ އަންހެނުންތަކެއް ހިތާމަފާޅުކުރަނީ، ފޮޓޯ: އޭއެފްޕީ

ޖަނާޒާގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާއިރު، އީރާނު ސަރުކާރުން ވަނީ ރަށްފުށުގެ ސަރަހައްދުތަކުން މީހުން ގެނައުމަށް ދަތުރުފަތުރުގެ ހިދުމަތް ހިލޭ ދީ، ސިވިލް ސާވަންޓުންނަށް މުސާރަ ލިބޭ ގޮތަށް ޗުއްޓީ ދީފައެވެ. އަދި މިއީ ގައުމީ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، ބޭރުގެ ބާރުތަކުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ގައުމީ ޖޯޝް އިތުރުވެފައިވާ ކަމަށް މުހައްލިލުން ދެކެއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ވެސް، ބޭރުގެ އުދުވާނެއްގެ ކުރިމަތީގައި ގައުމީ ސަފުތައް ވަރުގަދަކުރުމުގެ ގޮތުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މި މަންޒަރުތައް ސިފަކުރަނީ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ދައްކުވައިދޭ "ސާބިތުކަން" ކަމުގައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކާއި ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މަރްޙޫމް އާޔަތުﷲ އަލީ ޚާމަނޭއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ހަމައެކަނި ތެހެރާނުންވެސް 15-20 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އަދި މުޅި އީރާނާއި އިރާގުގެ ބައެއް ސަރަހައްދުތަކުން ޖުމްލަ 30 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވުން އެކަށީގެންވެއެވެ. މިއީ ތާރީޚުގައިވެސް އެއްތަނަކަށް އެންމެ ގިނަ މީހުން އެއްވި އެއް ހަރަކާތަށް ވެގެންދާނެއެވެ.