ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ތުރުކީން 3-2 އިން އެމެރިކާ ބަލިކޮށްފިއެވެ.

މެޗުގެ ތިންވަނަ މިނެޓުގައި އޮސްޓިން ޓްރަސްޓީ ވަނީ އެމެރިކާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ތުރުކީގެ އާރްދާ ގުލާ އަދި އޯކުން ކޮކްޗޫ ފުރަތަމަ ހާފުގައި ޖެހި ލަނޑުތަކާއެކު ތުރުކީން މެޗުގެ ނަތީޖާ އަނބުރާލިއެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސެބަސްޓިއަން ބާހަލްޓާ ވަނީ އެމެރިކާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ތުރުކީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކާން އަޔްހާންއެވެ.

Ad
rt

މި މެޗަށް ނުކުތްއިރުވެސް އެމެރިކާ އޮތީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް ކޮލިފައިވެފައެވެ. އެހެންކަމުން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މި މެޗުގައި ނުވަ ބަދަލެއް ގެނެސްފައެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކްރިސްޓިއަން ޕުލިސިޗް ވަނީ މެޗުގެ 58 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ.

ސޯފައި ސްޓޭޑިއަމް ފުރާލާފައި އޮތް ސަޕޯޓަރުންނަށް މި މެޗުގައި ފެނިގެންދިޔައީ ތާރީޚީ ކަންތައްތަކެކެވެ. ޓްރަސްޓީ ޖެހި ލަނޑަކީ މި މުބާރާތުގައި އެމެރިކާއިން ޖެހި ހަތްވަނަ ލަނޑެވެ. މިއީ ވޯލްޑް ކަޕެއްގެ ނޮކައުޓް ބުރު ފެށުމުގެ ކުރިން އެމެރިކާއިން އެންމެ ގިނަ ލަނޑު ޖެހި ރެކޯޑާ އެއްވަރުވި އަދަދެކެވެ. މީގެ އިތުރުން މިއީ މި މުބާރާތުގައި ފެނިގެންދިޔަ 173 ވަނަ ލަނޑެވެ. މިއާއެކު ގަތަރު ވޯލްޑް ކަޕްގައި ގާއިމްކުރި އެންމެ ގިނަ ލަނޑުގެ ރެކޯޑު މިވަނީ މުގުރާލެވިފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕުލިސިޗް ބުނީ އޭނާ މިހާރު ހުރީ އަނިޔާއިން މުޅިން ސަލާމަތްވެ ކުޅުމަށް ތައްޔާރަށް ކަމަށެވެ. މެޗުގެ ފަހުކޮޅު އޭނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށްވެސް ވަނީ އަރާފައެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، އެމެރިކާ ދެން ބައްދަލުކުރާނީ އަންނަ ބުދަ ދުވަހު ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާއެވެ. ތުރުކީ މުބާރާތުން ކަޓާފައިވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމާ ގުޅިގެންނެވެ.