އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރަމުން އައި އޮނިގަނޑު އެއްބަސްވުމެއްގައި މާ ލަސްތަކެއްނުވެ ސޮއިކުރެވޭނެ ކަމަށް އެމެރިކާއާއި ޕާކިސްތާނުގެ ލީޑަރުން ލަފާކުރައްވައިފިއެވެ. ނަމަވެސް، އީރާނުން ވަނީ އެއްބަސްވުމުގައި ސޮއިކުރާނެ ވަގުތާ މެދު ޝައްކު އުފައްދާފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނާއެކު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ 80 ވަނަ އުފަންދުވަސް ކަމަށްވާ އާދީއްތަ ދުވަހު ކަމަށެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ އިސްލާމްއާބާދުން ތައްޔާރުވަމުންދަނީ އިލެކްޓްރޯނިކްކޮށް ސޮއިކުރުމުގެ ރަސްމިއްޔާތަކަށް ކަމަށާއި، އޭގެ ފަހުން ކުރިއަށް އޮތް ހަފުތާގައި ފަންނީ ފެންވަރުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.
ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުން "މިއަދު ނޯންނާނެ" ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެކަން ވެދާނެ ކަމަށެވެ. އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮނިގަނޑު އެއްބަސްވުމާ މެދު ތެހެރާނުން އަދި ވަކި ގޮތެއް ނުނިންމާ އިރު، ސިޔާސީ އަދި ގާނޫނީ ކަންކަން އަދިވެސް ދަނީ މުރާޖައާ ކުރަމުންނެވެ.
ސްޓްރެއިޓް އޮފް ހޯރްމޫޒް ހުޅުވާލުން
ޓްރަމްޕް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އީރާނުން ބަންދުކޮށްފައިވާ ސްޓްރެއިޓް އޮފް ހޯރްމޫޒް ވަގުތުން "ހުރިހާ ފަރާތްތަކަށް ހުޅުވާލެވޭނެ" އެވެ. މި ކަނޑުއޮޅި ހުޅުވާލުމާއެކު، އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް އުވާލާނެ ކަމަށް މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނެއެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ މަޝްވަރާތައް ކުރިއަށްދާނީ އޭގެ ފަހުންނެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނުން ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމުގެ ބަދަލެއްގެ ގޮތުން، އެމެރިކާއިން އީރާނުގެ ހިފަހައްޓާފައިވާ ބިލިއަނުން ޑޮލަރުގެ މުދާ ދޫކުރަން ފަށާނެއެވެ. ނަމަވެސް، އީރާނުގެ އެކި ސަރަހައްދުތަކުގައި ސަރުކާރަށް ތާއީދުކުރާ މީހުން ދަނީ މި އެއްބަސްވުމާ ދެކޮޅަށް މުޒާހަރާކޮށް، ދޫދިނުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އެއްބަސްވުމަކާ ގާތަށް ޖެހިލާފައިވީ ނަމަވެސް، ސަރަހައްދީ ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. އިސްރާއީލުން ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ގެ 70 އަށްވުރެ ގިނަ ތަނަކަށް ހަމަލާދީފައިވާ ކަމަށެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!