އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިން އާއި މެޑިކަލް ކޮންސިއުމަބަލްސް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަށް އިއްޔެ ހަދިޔާކޮށްފިއެވެ.
މި އެހީގެ ދަށުން ހަދިޔާކުރި ތަކެތީގެ ތެރޭގައި އެމް.އާރް ވެކްސިން އާއި، ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެތީގެ އިތުރުން މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ މުހިންމު ސާމާނުތައް ހިމެނެއެވެ.
މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބަލަސުބްރަމާނިއަމް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ އަލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ގީލާ އަލީ ވަނީ ދިވެހިރާއްޖެއަށް ދިމާވާ އެކި ކަންކަމުގައި އިންޑިއާ ސަރުކާރުން އަބަދުވެސް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މި އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށާއި، އިންޑިއާ ހައިކޮމިޝަނުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުން، 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބަލި ފެތުރުން ހުއްޓިފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން 2017 ވަނަ އަހަރު ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް އެއިގެފަހުން އެކި ދުވަސްވަރުމަތިން މި ބަލީގެ ކޭސްތައް ރާއްޖެއިން މަދުމަދުން އަންނަނީ ފެންނަމުންނެވެ. އެއަށްފަހު މިފަހުން އެބަލި ފެންނަ މިންވަރު އިތުރުވެ މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!