ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ދެކުނު އެމެރިކާގެ ގަދަބާރު އުރުގުއޭ ހިމެނޭ ވޯލްޑް ކަޕް ގްރޫޕް އެޗްގައި ދެން ހިމެނެނީ މީގެ ހަތަރު އަހަރު ކުރިން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކޮށް ހައިރާންކޮށްލި ސައުދީ އަރަބިއްޔާގެ އިތުރުން އަލަށް ވާދަކުރާ ކުޑަކުޑަ ކޭޕް ވާޑޭ އެވެ.

އެމެރިކާއިން ބޭރުގައި ކުޅޭ މި ގްރޫޕްގެ ހަމައެކަނި މެޗަކީ އެންމެ އިންތިޒާރު ކުރެވޭ މެޗެވެ. އެއީ ޖޫން 26 ވަނަ ދުވަހު މެކްސިކޯގެ ގުއަޑަލަހާރާގައި ކުޅޭ އުރުގުއޭ އާއި ސްޕެއިން ބައްދަލުކުރާ މެޗެވެ. ކުރީގެ މި ދެ ޗެމްޕިއަނުން މީގެ ކުރިން ވޯލްޑް ކަޕްގައި ބައްދަލުކުރި ދެ ފަހަރުވެސް (1950 އަދި 1990 ގައި) ނިމުނީ އެއްވަރުވެގެންނެވެ.

Ad
rt

މި ގްރޫޕްގެ ދެ މެޗު އެޓްލާންޓާގައި ކުޅޭއިރު، މި ދެ މެޗުގައިވެސް ސްޕެއިން ކުޅޭނެއެވެ. އުރުގުއޭ ހިމެނޭ އަނެއް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއާމީގައެވެ.

ކޭޕް ވާޑޭ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ ގްރޫޕްގެ ހަމައެކަނި މެޗު އޮންނާނީ ހިއުސްޓަންގައެވެ.

ސްޕެއިން

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން މޮރޮކޯ އަތުން ބަލިވެ ކެޓި ނަމަވެސް، ޖަރުމަނުގައި ބޭއްވި ޔޫރޯ 2024 ކާމިޔާބުކޮށް ސްޕެއިން ވަނީ އަލުން ވަރުގަދަކޮށް އެނބުރި އައިސްފައެވެ. 'ލަ ރޯހާ' އިން ވަނީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށް، 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދާފައެވެ.

2010 ވަނަ އަހަރު ހޯދި ހަމައެކަނި ވޯލްޑް ކަޕް ތަށީގެ ފަހުން، ސްޕެއިނަށް ވޯލްޑް ކަޕްގެ ގަދަ 16 އަށް ވުރެ ކުރިއަށް ދެވިފައެއް ނުވެއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ލުއިސް އެންރީކޭ މަގާމުން ވަކިވުމުން، ޓީމާ ހަވާލުވީ ސްޕެއިންގެ ޒުވާން ޓީމުތަކުގެ ކުރީގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ އެވެ.
މި ޓީމުގެ އެންމެ ކުރީގައި ތިބޭނީ ބާސެލޯނާގެ ތިން ކުޅުންތެރިންނެވެ. އެޓޭކުގައި، އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ކުޅޭނެއެވެ. ދިފާއީ ބައި ބަލަހައްޓާނީ 19 އަހަރުގެ ޕާއު ކުބާސީ އެވެ. އަދި މިޑްފީލްޑް ކޮންޓްރޯލް ކުރާނީ ޕެޑްރީ އެވެ. ކަކުލަށް ލިބުނު އަނިޔާއަކަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު މެންޗެސްޓާ ސިޓީގެ ރޮޑްރީ ވެސް މިޑްފީލްޑުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.

ކޭޕް ވާޑޭ

ގާތްގަނޑަކަށް 500,000 މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑޭ އަކީ، އައިސްލޭންޑާއި ކިއުރަސާއޯ އަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނައަށް އެންމެ ކުޑަ ގައުމެވެ.

އެފްރިކާގެ ހުޅަނގު އައްސޭރީގައި އޮންނަ އަލިފާން ފަރުބަދައިގެ 10 ރަށުގެ މައްޗަށް އެކުލެވޭ މި ގައުމު ވޯލްޑް ކަޕުން ޖާގަ ހޯދީ އެފްރިކާގެ ގަދަބާރުތައް ކަމަށްވާ ކެމަރޫން އާއި އެންގޯލާ ހިމެނުނު ގްރޫޕުންނެވެ. 'ބްލޫ ޝާކްސް' އިން ވަނީ ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެ، ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.
2020 ވަނަ އަހަރުން ފެށިގެން މި ޓީމުގެ ކޯޗަކީ 'ބުބިސްޓާ' ގެ ނަމުން މަޝްހޫރު ޕެޑްރޯ ލެއިޓާއޯ ބްރީޓޯ އެވެ. ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ބުބިސްޓާ ވަނީ ކުރިން ސްޕެއިން އާއި ޕޯޗުގަލްގެ ކުދި ކްލަބުތަކަށް ކުޅެފައެވެ.

ސައުދީ އަރަބިއްޔާ

މިއީ ސައުދީ އަރަބިއްޔާ ޖެހިޖެހިގެން ވޯލްޑް ކަޕްގައި ވާދަކުރާ ތިންވަނަ ފަހަރެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި، ފަހުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ 2-1 އިން ބަލިކޮށް ސައުދީން ދުނިޔެ ސިއްސުވާލިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރީމް ބެންޒެމާ ފަދަ ކުޅުންތެރިން ގެނެސްގެން ސައުދީން ވަނީ އެގައުމުގެ ލީގު ވަރުގަދަކޮށްފައެވެ. މީގެ ސަބަބުން ފްރާންސްގެ ހާވޭ ރެނާޑް ކޯޗުކޮށްދޭ ގައުމީ ޓީމުގެ ފެންވަރު ރަނގަޅުވުމަށް އެހީތެރިވެދިނެވެ.

2022 ގެ ވޯލްޑް ކަޕްގައި ސައުދީއަށް އިރުޝާދު ދިނުމަށްފަހު، ރެނާޑް ވަނީ ފްރާންސްގެ އަންހެން ޓީމާ ހަވާލުވުމަށް މަގާމުން ވަކިވެފައެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ އަލުން އެނބުރި އައީ ސައުދީ ފިރިހެން ޓީމާ ހަވާލުވުމަށެވެ.
ސައުދީ އަރަބިއްޔާ ވޯލްޑް ކަޕެއްގައި އެންމެ ދުރަށް ދިޔައީ އަލަށް ކޮލިފައިވި 1994 ވަނަ އަހަރުއެވެ. އެފަހަރު ނެދަލޭންޑްސް، ބެލްޖިއަމް އަދި މޮރޮކޯ ހިމެނުނު ގްރޫޕުން އެޓީމު ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ. އޭގެ ފަހުން ވާދަކުރި ފަސް ވޯލްޑް ކަޕްގައިވެސް ގްރޫޕް ސްޓޭޖުން އެޓީމު ފަހަނައަޅައި ގޮސްފައެއް ނުވެއެވެ.

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ސައުދީ އަރަބިއްޔާގައެވެ.

ޔޫރަގުއޭ

ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޔޫރަގުއޭ އޮތީ ދެކުނު އެމެރިކާގެ ކޮލިފައިންގައި އާޖެންޓީނާ، އިކުއެޑޯ އަދި ކޮލަމްބިއާގެ ފަހަތުން ހަތަރުވަނައިގައެވެ. އެއީ ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްގެ ކުރީގައެވެ.

2018 ވަނަ އަހަރު ކުއާޓާ ފައިނަލަށް އަދި 2010 ވަނަ އަހަރު ސެމީ ފައިނަލަށް ދަތުރުކުރުމަށްފަހު، މީގެ ހަތަރު އަހަރު ކުރިން އެ ޓީމަށް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވޭގޮތެއް ނުވިއެވެ.

ޔޫރަގުއޭގެ ކޯޗަކީ 2023 ވަނަ އަހަރު އެ މަގާމާ ހަވާލުވި އާޖެންޓީނާގެ ތަޖުރިބާކާރު މެނޭޖަރު މާސެލޯ ބިއެލްސާއެވެ. އެކުވެރިކަމުގެ މެޗުތަކުގައި ދަށް ނަތީޖާތަކެއް ނެރުމާ ގުޅިގެން ފަހަކަށް އައިސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އޭގެ ތެރޭގައި ނޮވެމްބަރު މަހު އެމެރިކާ އަތުން 5-1 އިން ބަލިވި މެޗު ހިމެނެއެވެ. އޭނާގެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ވެފައެއް ނުވެއެވެ.

އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ސެންޓްރަލް މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ، ބާސެލޯނާގެ ސެންޓަރ ބެކް ރޮނާލްޑް އަރައުހޯ އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންސިވް މިޑްފީލްޑަރު މެނުއަލް އުގާޓޭ ހިމެނެއެވެ.