އީރާނުން ބަހްރޭނާއި ކުވެއިތަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކެއް ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުއްޓުވާފައިވާ ކަމަށް ބަހްރޭން ސަރުކާރުން ހާމަކޮށްފިއެވެ. މި ހަމަލާތަކާއެކު މެދުއިރުމަތީގައި އޮތް ނާޒުކު ސުލްހައިގެ އެއްބަސްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އީރާނުން ބުނެފައިވަނީ މި ހަމަލާތަކަކީ ގިޝްމް އައިލެންޑް އަދި ސިރިކް ކައިރީގައި ހުރި އީރާނުގެ ސަވައިލަންސް ވަސީލަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި އެމީހުން އަމާޒުކުރީ ކުވެއިތުގައި ހުންނަ އަލީ އަލް ސާލިމް އެއާ ބޭސްއަށާއި ބަހްރޭންގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި މަތިން އީރާނުގެ ދެ ޑްރޯން ވަނީ ވައްޓާލާފައެވެ. "މި ޑްރޯންތަކަކީ ސަރަހައްދީ ކަނޑުދަތުރުފަތުރަށް އޮތް ނުރައްކަލެއް" ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. މި ހަމަލާތަކުގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ދަނީ އީރާނުގެ ފްރީޒްކޮށްފައިވާ 24 ބިލިއަން ޑޮލަރުގެ އެސެޓްތައް، ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނު ގަލްފްގެ ގައުމުތަކަށް ދިނުމަށް ވިސްނަމުންނެވެ. މިއީ އީރާނަށް އިތުރު އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވުމަށް އަޅާ ފިޔަވަޅެއް ކަމަށް މާހިރުން ދެކެއެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އީރާނަށް ވަޑައިގެންފައެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބޭނުންވާ ބަދަލުތަކާއި ހިޒްބުﷲ އިން ސުލްހައިގެ އެއްބަސްވުމަށް އިންކާރު ކުރުމުގެ ސަބަބުން ދާއިމީ ހައްލެއް ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!