އީރާނާއި އެމެރިކާއާ ދެމެދު އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން، ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި ކަމަށް ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.
މި ވިސާ ދޫކޮށްފައިވަނީ ލޮސް އެންޖެލިސްގައި އީރާނުން ކުޅޭ ފުރަތަމަ މެޗަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށެވެ.
މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު އަބުލްފަޒްލް ޕަސަންދީދޭ ބުރާސްފަތި ދުވަހުގެ ރޭ ވިދާޅުވީ އޭރުވެސް ޓީމަށް ވިސާ ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ''ރޮއިޓާސް'' އަށް މައުލޫމާތު ދެއްވަމުން ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ރޭގަނޑުގެ ވަގުތެއްގައި ވިސާގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ވިސާގެ މައްސަލަތަކާ ހުރެ އަދި އެމެރިކާގައި މަޑުކުރާ ވަގުތު މަދުކުރުމުގެ ގޮތުން، އީރާނުގެ ޓީމު މިހާރު ވަނީ އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ޓިޖުއާނާގައި ކޭމްޕް ކުރާ ގޮތަށް ހަމަޖައްސާފައެވެ. އެ ޓީމު އާދީއްތަ ދުވަހުގެ ހެނދުނު ޓިޖުއާނާއަށް ދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
މުބާރާތުގެ ގްރޫޕް ޖީގައި ހިމެނޭ އީރާނުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށްފަހު، ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް އެ ޓީމު ނުކުންނާނެއެވެ.
ސަފީރު ޕަސަންދީދޭ ވިދާޅުވި ގޮތުގައި އީރާނުގެ ޓީމު އެމެރިކާގެ ބިމުގައި މަޑުކުރުމަށް އެމެރިކާއިން ދެކޮޅު ހަދާފައިވާކަން ރަސްމީކޮށް އަންގާފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގާރަ ދުވަހު ވިދާޅުވީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުން ހުރި އެއްވެސް މީހަކު ޓީމުގެ ވަފުދުގައި ހިމެނުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އީރާނު ޓީމުގެ ބައެއް ކުޅުންތެރިންނަކީ އެ ޖަމާއަތުގެ ދަށުން އަސްކަރީ ހިދުމަތް ފުރިހަމަކޮށްފައިވާ ކުޅުންތެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!