ޑަބްލިންގައި އަޔަލޭންޑާއި ގަތަރު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން ފަލަސްތީނަށް ތާއީދުކޮށް ކުރިއަށްދިޔަ އިހުތިޖާޖުތަކާ ގުޅިގެން، ނޭޝަންސް ލީގުގައި އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗުތަކުގެ މައްސަލަ އިތުރަށް ހޫނުވެދާނެ ކަމުގެ އިންޒާރު އަޔަލޭންޑްގެ މިޑްފީލްޑަރު ޖޭމީ މެކްގްރާތު ދީފިއެވެ.

އަޔަލޭންޑުން އޮކްޓޯބަރު 4 ވަނަ ދުވަހު ޑަބްލިންގެ އެވީވާ ސްޓޭޑިއަމްގައި އިޒްރޭލާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު، ސެޕްޓެމްބަރު 27 ގައި އިޒްރޭލުގެ ހޯމް މެޗެއްގެ ގޮތުގައި ކުޅޭ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއުޓްރަލް ދަނޑެއްގައެވެ. ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ފަލަސްތީނުގެ ދިދަ ކުރަހާފައިވާ ޓެނިސް ބޯޅަތަކެއް ދަނޑުތެރެއަށް އުކުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން މެޗު މެދުކަނޑާލަން ޖެހުނެވެ.

Ad
rt

މި މައްސަލައާ ގުޅޭގޮތުން ބީބީސީއަށް މައުލޫމާތު ދެމުން މެކްގްރާތު ބުނީ، ކުރިއަށް އޮތް މަސްތަކުގައި މި މައްސަލަ އިތުރަށް ހޫނުވާނެ ކަމަށް ބެލެވޭ ކަމަށެވެ. "މިއީ ވަރަށް ތަފާތު ހާލަތެއް. އިހުތިޖާޖުކުރާ މީހުންގެ އަޑު އަހަންޖެހޭނެ، އަމާންކަމާއެކު އެކަން ކުރާހާ ހިނދަކު އެމީހުންނަށް އެ ހައްގު އޮންނާނެ،" އޭނާ ބުންޏެވެ. އަދި ކުޅުންތެރިން މިފަދަ ހާލަތެއްގެ ތެރެއަށް ވަންނަން ބޭނުންނުވި ނަމަވެސް، ބައެއް ފަހަރު އެކަން އެގޮތަށް ދިމާވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އަޔަލޭންޑްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ފަންނާނުން ގުޅިގެން އިޒްރޭލުގެ މެޗުތައް ބޯއިކޮޓް ކުރުމަށް ގޮވާލަމުންދާއިރު، އަޔަލޭންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން (FAI) އިން ބުނެފައިވަނީ މެޗުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. މެޗު ކުޅެން އިންކާރުކޮށްފިނަމަ އަދަބުތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް، މިދިޔަ ނޮވެމްބަރު މަހު އެފްއޭއައިގެ 93 އިންސައްތަ މެންބަރުން ވަނީ އިޒްރޭލު ސަސްޕެންޑް ކުރުމަށް ޔޫއީއެފްއަށް ހުށަހެޅުމަށް ވޯޓު ދީފައެވެ.

އަޔަލޭންޑްގެ މެނޭޖަރު ހެއިމީ ހަލްގްރިމްސަން ވެސް ވަނީ މި ބަހުސްގައި ބައިވެރިވެ، ކުރިއަށް އޮތް މެޗުތަކުގައި އިޒްރޭލާ ދެކޮޅަށް ކުޅުންތެރިން "މި ހަނގުރާމަ ކާމިޔާބު ކުރަންޖެހޭނެ" ކަމަށް ބުނެފައެވެ. މީގެ އިތުރުން، އަންގާރަ ދުވަހު އަޔަލޭންޑްގެ ޕާލަމެންޓް ކުރިމަތީގައި ވެސް ވަނީ ފަލަސްތީނަށް ތާއީދުކޮށް ބޮޑު އިހުތިޖާޖެއް ބާއްވާފައެވެ.

މި މައްސަލައަށް ހައްލެއް ލިބޭނެތޯ ސުވާލު ކުރުމުން މެކްގްރާތު ބުނީ އެކަމާ މެދު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، ކަންތައްތައް ހޫނުވަމުންދާ މިންވަރުން މެޗުތަކާ މެދު ގޮތެއް ނިންމުން ކުޅުންތެރިންގެ އަތްމަތިން ބޭރުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.