ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް އިންޑިއާގައި އިސްރާއީލަށް އޮތް ތާއީދާއި ލޯބި ބޮޑުކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ހުޅަނގު އައްސޭރީގެ އުރުދުން ވާދީގައި ބޭއްވި ލީޑަރޝިޕް ކޮންފަރެންސެއްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، ދުނިޔޭގެ ބޮޑު ބަޔަކުން އިސްރާއީލުގެ ގާނޫނީ ސައްހަކަން ނަގާލުމަށް މަސައްކަތް ކުރަމުންދާއިރު، އިންޑިއާއިން އެފަދަ އަމަލެއް ފެނިގެން ނުދާ ކަމަށެވެ.
ނަތަންޔާހޫ ފާހަގަކުރިގޮތުގައި އިންޑިއާގައި އިސްރާއީލަށް އޮތީ "އިންތިހާ ދަރަޖައިގެ ލޯތްބެއް" ކަމަށާއި، އެހެން އެއްވެސް ތަނަކަށްވުރެ ގިނައިން އޭނާއަށް ތާއީދުކުރާ މީހުން ނުވަތަ ފޮލޯވަރުން ތިބީ އިންޑިއާގައެވެ.
''އަހަރެން މިހެން ބުނާނަން، ދުނިޔޭގެ ބޮޑު ބަޔަކުން އަޅުގަނޑުމެންގެ ގާނޫނީ ސައްހަކަން ނަގާލުމަށް މަސައްކަތް ކުރޭ، ނަމަވެސް އިންޑިއާއަކުން ނޫން، އިންޑިއާގައި އިސްރާއީލަށް އޮތީ އިންތިހާ ދަރަޖައިގެ ލޯތްބެއް، ހަގީގަތުގައިވެސް ވަރަށް ބޮޑު ލޯތްބެއް، އަހަރެން ހީކުރާ ގޮތުގައި އެހެން އެއްވެސް ތަނަކަށްވުރެ ގިނައިން އިންޑިއާގައި އަހަރެންނަށް ތާއީދުކުރާ މީހުން އެބަތިބި'' ނަތަންޔާހޫ ބުނެފަވެއެވެ.
ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު އޮތް ގާތް ގުޅުމަކީ މި ލޯތްބާއި ތާއީދުގެ މައިގަނޑު އެއް އަސާސްކަމަށް ދިރާސާކުރާ ފަރާތްތައް ފާހަގަކުރެއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް "ޚާއްޞަ ސްޓްރެޓީޖިކް ޕާޓްނަރޝިޕް" ގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް، ސެމީކޮންޑަކްޓަރ އަދި ސައިބަރ ސެކިއުރިޓީ ފަދަ ކުރިއަރާފައިވާ ދާއިރާތަކުން އެއްބާރުލުން ފުޅާކުރަމުންދާކަމަށާއި، މީގެ އިތުރުން، އިސްރާއީލަކީ އިންޑިއާއަށް އެންމެ ގިނައިން ދިފާއީ ހާޑްވެއާ އާއި ޓެކްނޮލޮޖީ ފޯރުކޮށްދޭ އެއް ގައުމުކަމަށް ދިރާސާކުރާފަރާތްތަކާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއްް ނޫސްތަކުން ރިޕޯޓްކޮށްފަވެއެވެ.
ސޯޝަލް މީޑިއާ މަންސަތަކުގައި އިންޑިއާގެ ނޭޝަނަލިސްޓުންގެ ފަރާތުން އިސްރާއީލަށް ލިބޭ ބޮޑު ތާއީދަކީވެސް ނަތަންޔާހޫ ފާހަގަކުރެއްވި މުހިންމު ކަމެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލަށް ފާޑުކިޔުންތައް އަމާޒުވާ ކޮންމެ ފަހަރަކު، އިންޑިއާގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އިސްރާއީލުގެ ދިފާއުގައި ބޮޑެތި ކެމްޕޭންތައް ހިންގައެވެ.
އިސްރާއީލަށް ބަލާއިރު އިންޑިއާއަކީ އެތައް ބިލިއަން ޑޮލަރެއްގެ މާކެޓެއްގެ އިތުރުން، އެ ގައުމު އެކަހެރިކޮށްލުމަށް ދެކޮޅުހަދާ ބާރެކެވެ. ހަމައެއާއެކު، އިންޑިއާއިން ދަނީ އިސްރާއީލާއެކު އޮތް ގުޅުން ދަމަހައްޓަމުންވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ވަކާލާތުކޮށް، އެ ގައުމުގެ ޖިއޯޕޮލިޓިކަލް މަސްލަހަތުތައް ފަރުވާތެރިކަމާއެކު ބަލަހައްޓަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!