އީރާނުގެ ބަންދަރު އައްބާސްގައި ހުރި އަސްކަރީ މަރުކަޒުތަކަކަށް އެމެރިކާއިން ހަމަލާދީފިއެވެ.
މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ކުރިމަތިވި "ކުޑަ ހުރަހެއް" ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކޮށްފައިވާއިރު، މި ހަމަލާތަކާއެކުވެސް، ވޮޝިންޓަނާއި ތެހެރާނުން މަސައްކަތް ކުރަމުންދަނީ މިހާރު ކުރިއަށްދާ ތާރީޚީ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، ބަންދަރު އައްބާސްގައި ހުރި ސާފަސް-ޓޫ-އެއާ މިސައިލް ސައިޓަކަށާއި ރިވޮލިއުޝަނަރީ ގާޑްގެ އުޅަނދުތަކަށް ދިން މި ހަމަލާތަކަކީ "ދިފާއީ" ހަމަލާތަކެކެވެ. މި ހަމަލާތައް ދޭން ޖެހުނީ ހޮރްމޫޒް ކަނޑުއޮޅީގައި އިރާނުގެ ބޯޓުތަކުން މައިން ވަޅުލަމުންދަނިކޮށް ފެނުމާއި، އެމެރިކާގެ ފައިޓަރު ޖެޓްތަކަށް އަމާޒުކޮށް ހަމަލާދޭން އުޅުމުން ކަމަށް އެމެރިކާއިން ބުނެއެވެ.
މި ހަމަލާތަކަށްފަހު އިރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ މަސްރަހު ފިނިކުރުމަށް މަސައްކަތް ކޮށްފައެވެ. މެހެރް އަދި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންދަރު އައްބާސްގެ ހާލަތު މިހާރު އޮތީ "ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި" ކަމަށާއި، ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނެތް ކަމަށެވެ. މިއީ މި ހާދިސާގެ ބޭނުން ހިފައިގެން ސުލްހައިގެ ވާހަކަތަކުން ވަކިވާން ތެހެރާނުން ބޭނުންނުވާކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.
ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާ މި މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ދަނޑިވަޅެއްގައި މި ހާދިސާ ހިނގާފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިރާނުގެ ޔުރޭނިއަމް ރެޒާވް ގައުމުން ބޭރުކުރުމުގެ ބަދަލުގައި، ގައުމުގެ އެތެރޭގައި ނައްތާލުމާ ގުޅޭގޮތުން ލުއިތަކެއް ދިނުމަށް އިޝާރާތް ކުރައްވާފައެވެ. މިއީ މިހާތަނަށް އެމެރިކާއިން ދޭން އެއްބަސްވި އެންމެ ބޮޑު އެއް ދޫކުރުން ކަމަށް މަޝްރަޙް ދިރާސާކުރާފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މަރުހަލާތަކަކަށް ބަހާލައިގެން އުވާލުމާއި، ހިފަހައްޓާފައިވާ އިރާނުގެ ފައިސާ ދޫކޮށްލުމުގެ އިތުރުން، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ސުލްހައިގެ އެއްބަސްވުން 60 ދުވަހަށް އިތުރުކުރުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. ދެ ގައުމުގެ އިގްތިސާދީ އަދި ދާޚިލީ މަސްލަހަތުތަކަށް ބަލާއިރު، އަސްކަރީ ކުރިމަތިލުންތަކެއް ހިނގި ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ ދެ ފަރާތަށްވެސް މުހިންމު ކަމެކެވެ.
މަސްރަހު ނުތަނަވަސްކޮށް އޮތް ނަމަވެސް، ދެ ގައުމުންވެސް ބަންދަރު އައްބާސްގެ ހާދިސާ ބަލަމުންދަނީ ސުލްހައިގެ މަގުގައި ކުރިމަތިވާނެ އާދައިގެ ހުރަހެއްގެ ގޮތުގައެވެ. ދެ ފަރާތުންވެސް ބޭނުންވަނީ މި ހާދިސާގެ ސަބަބުން މުޅި ސުލްހައިގެ މަރުހަލާ ހުއްޓުމަކަށް އައުމުގެ ބަދަލުގައި، ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!