1447 ވަނަ އަހަރުގެ މުޤައްދަސް ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މިއަދު ސައޫދީ އަރަބިއްޔާއަށް ފުރައިފިއެވެ.
ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި ފުރި މި ގުރޫޕުގައި ޖުމްލަ 235 ޙައްޖުވެރިން ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޙައްޖުވެރިންނަށާއި އެމީހުންގެ އެހީތެރިންނަށް އެއާޕޯޓަށް ދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރުވެސް ބަހުގެ ޚިދުމަތް ހަމަޖައްސާފައިވާ ކަމަށެވެ. މި އިންތިޒާމުތަކަކީ އެ ވުޒާރާއިން އިސްނަގައިގެން، ކަމާ ގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި، ފްލައިޓު ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން ބަސް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ފުރި ފުރަތަމަ ގުރޫޕަށް ޚާއްޞަކޮށްގެން ހެނދުނު 10:30 ގައި ބަސް ދަތުރުތައް ފަށާފައިވާއިރު، ފްލައިޓު ފުރުމަށް ހަމަޖެހިފައި އޮތީ މެންދުރުފަހު 15:25 ގައެވެ.
މި ދަތުރުތަކުގައި ޙައްޖުވެރިންނަށް އެންމެ ފަސޭހަ އަދި އެންމެ ކައިރި ބަސް ހުއްޓިއެއް ޚިޔާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޙައްޖުވެރިންނަށް އެހީތެރިވުމަށްޓަކައި ބަސް ހުއްޓިތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އިތުރުން ސްކައުޓުންނާއި، ގާލްގައިޑުން އަދި ކެޑޭޓުން ހަރަކާތްތެރިވަމުންދާނެއެވެ.
ބަސް ދަތުރުކުރާނެ ރޫޓުތައް ކަނޑައަޅަނީ އެ ދުވަހެއްގައި ފުރާ ޙާޖީންނަށް އެންމެ ފަސޭހައިން ބަހާ ހަމައަށް ފޯރޭނެ ސަރަޙައްދުތަކަށް ބަލައިގެންނެވެ. މިގޮތުން މިއަދު ހަ ރޫޓަކުން ބަސް ދަތުރުތައް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ ދުވަހެއްގެވެސް ރޫޓާއި ގަޑިތައް އެ ވުޒާރާގެ މީސްމީޑިއާ މެދުވެރިކޮށް އާއްމުކުރަމުންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!