ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ މިއަދު އޭދަފުއްޓާ ދެކޮޅަށް ނުކުންނައިރު، ހަނިމާދޫ ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން ''ވާނުވާ ސަސްޕެންޝަން''ގައި ހުރުމަކީ ކަންބޮޑުވުމެއްކަމަށް ޓީމް ހަނިމާދޫ އިން ބުނެފިއެވެ.

ޓީމް ހަނިމާދޫގެ އޮފިޝަލަކު ''ތިލަދުން'' އަށް ބުނީ ހަނިމާދޫ ޓީމު މިއަދުގެ މެޗަށް ތައްޔާރުވެފައިވާ ކަމަށާއި، ނަމަވެސް ޓީމުގެ ކެޕްޓަން މުހައްމަދު ހަސަން (މޯޑު) ސަސްޕެންޝަންގައި ހުރުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށެވެ. ނަމަވެސް މޯޑު ނެތްތަން ފޫބައްދައި ޓީމު އޮތީ ހިތްވަރާއެކު ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމްގައި ކަމަށް އޭނާ ބުންޏެވެ.

Ad
rt

އެ އޮފިޝަލް ބުނިގޮތުގައި ހަނިމާދޫގެ ކެޕްޓަން މޯޑު ސަސްޕެންޑްކޮށްފައި ވަނީ ހަނިމާދޫ-ދިއްދޫ މެޗުގައި ހިނގާދިޔަ ހަމަނުޖެހުމަކާއި ގުޅިގެން ދިއްދޫ ޓީމުން އެފްއޭއެމަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެންނެވެ. އަދި މޯޑު ސަސްޕެންޑްކޮށްފައި ހުރީ މުއްދަތެއްނެތްގޮތަށް މައްސަލަ ބަލާނިމެންދެންކަމަށް އަންގާފައިވާތީ، މޯޑަށް ލީގުގެ ބާކީ މެޗުތަކުން ދެން ކުޅެވޭނީ ކޮން މެޗެއްގައި ކަމެއް ނޭނގޭކަމަށް އޭނާ ބުންޏެވެ.

''ކުރު ލީގެއްގައި މުއްދަތެއްނެތި ސަސްޕެންޑްކޮށް މައްސަލަ ނުނިމި އޮތުމަކީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް'' އޮފިޝަލް ބުންޏެވެ.

މޯޑަކީ ހަނިމާދޫގެ އެއް ތަނބެވެ. ޒޯން ތަށި ނަގައިދިނުމުގައި ދިއްދޫ ކޮޅަށް ފައިނަލްގައި މުހިންމު ގޯލެއް ޖަހައިދިނުމުގެ އިތުރުން ހުރިހާ މެޗެއްގައި މޯޑު އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. މޯޑަކީ ފަސްޓް ޑިވިޒަންގައި ވެސް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

މުޅިންވެސް ދިވެހި ކުޅުންތެރިންނަށް ފުރުސަތުދީގެން ކުޅޭ ހަނިމާދޫ މިއަދު އޭދަފުއްޓާ ދެކޮޅަށް ނުކުންނަ މެޗު ކުޅޭނީ އޭދަފުށީގައެވެ. ރަށުން ބޭރު ދެތިން ކުޅުންތެރިން ފިޔަވައި ހަނިމާދޫ ޓީމުގެ ބާކީ ހުރިހާ ކުޅުންތެރިންނަކީ ވެސް ހަނިމާދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ހަނިމާދޫ-އޭދަފުށި ބައްދަލުކުރާ ދެވަނަ މެޗު މިއަދު ކުޅޭއިރު ހަނިމާދޫގައި ކުޅުނު މެޗު ހަނިމާދޫ ކާމިޔާބުކުރީ 2-1 އިންނެވެ. މި ދެ ޓީމުގައި ވެސް ތިބީ ވަރަށް ތަޖުރިބާކާރު ދެ ކޯޗުންނެވެ. ފުޓްބޯޅައިގެ ފާހަގަކޮށްލެވޭ ތާރީޚެއް އޮންނަ އޭދަފުށީގެ ކޯޗަކީ އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. ފުޓްބޯޅާގައި ބޮޑު ތިލަދުންމަތީގެ އެންމެ ކާމިޔާބު އެއްރަށް ކަމަށްވާ ހަނިމާދޫގެ ކޯޗަކީ ނިއުރޭޑިއެންޓާއި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރ މުހައްމަދު ނާސިރު އެވެ.

ނޯތު ރީޖަނަލް ލީގުގައި އެއްވަނާގައި މިވަގުތު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ދިއްދޫ އެވެ. ދިއްދޫ އަތުން ބަލިވެ މަނަދޫ އާއި އޭދަފުށި އަތުން ލިބުނު ދެ މޮޅާއެކު ހަނިމާދޫ އަށް ހަ ޕޮއިންޓާއެކު ލިބެނީ ލީގުގެ ތާވަލުގެ ދެވަނައެވެ. ތިންވަނާގައި އޮތް އޭދަފުއްޓަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. މަނަދޫ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ތާވަލުގެ ފަހަތުގައި އޮތް މަގާމުގައި މަޑުޖެހިފައެވެ.