ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު އަދި އިޤްތިޞާދީ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ތަރައްޤީގައި ދެ ޤައުމުގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި، އެކަމަށްޓަކައި ދެ ބޭފުޅުން ޝުކުރު އަދާކުރެއްވިއެވެ.

މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތާރީފުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ އެކި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދެ ފަރާތުންވެސް ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.