ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީޒް ޒޯން (އެފްއޯއައިޒެޑް) އަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި އިންޑިއާގެ ތިން ރައްޔިތަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން ޔޫއޭއީގެ ''ޚަލީޖް ޓައިމްސް'' އިން ވަނީ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ކަށަވަރުކޮށްދީފައެވެ. އަނިޔާވި މީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ފުޖައިރާ ސިވިލް ޑިފެންސް ޓީމުތަކުން ދަނީ އަލިފާން ކޮންޓްރޯލްކުރުމަށާއި ހާލަތު ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހަމަލާއަކީ އީރާނުން ދިން ހަމަލާއެއް ކަމަށް ޔޫއޭއިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާބެހޭ ގޮތުން އީރާނުން އަދި އެއްޗެއް ބުނެފަވެއެވެ.
އެމެރިކާއަށް ވާގިވެރިވާ ކޮންމެ ބަޔަކީ އަމާޒުފަތްގަނޑެއްކަމަށް އީރާނުން ކަނޑައަޅައި ކުރިށްސުރެވެސް ޢިއުލާންކޮށްފައިވާ ސިޔާސަތުގެ ދަށުން ޔޫއޭއީއަށް ދިން ހަމަލާތަކުގައި 227 މީހަކަށް އަނިޔާވެފައިވާއިރު، މީގެ ތެރޭގައި ތަފާތު އެކި ގައުމުތަކުގެ މީހުން ހިމެނެއެވެ. މިހާތަނަށް މި ހަމަލާތަކުގައި 10 އާންމުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް، ފަލަސްތީން، އިންޑިއާ އަދި މިސްރުގެ ރައްޔިތުން ހިމެނެއެވެ. މީގެ އިތުރުން ސިފައިންނާއެކު ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މޮރޮކޯގެ ރައްޔިތަކު ވެސް ވަނީ މަރުވެފައެވެ.
ފުޖައިރާ އަކީ ޔޫއޭއީގެ ތެލުގެ އިންފްރާސްޓްރަކްޗާގެ މުހިންމު ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހުންނަ ބޮޑު ބަނދަރާއި ހޮޅިތަކަކީ ސްޓްރެއިޓް އޮފް ހޯމޫޒް ބޭނުންނުކޮށް ތެޔޮ އުފުލުމަށް ބޭނުންކުރާ މުހިންމު މަގުތަކެކެވެ. މީގެ ކުރިން މާޗް އަދި އޭޕްރީލް މަހު ދިން ހަމަލާތަކުގައި ވެސް ފުޖައިރާގެ މުވާސަލާތީ އަދި ސިނާއީ ވަސީލަތްތަކަށް ގެއްލުން ލިބިފައިވެއެވެ. އެގޮތުން އޭޕްރީލް 1 ވަނަ ދުވަހު ވެއްޓުނު ބައިތަކުގެ ސަބަބުން ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
ހޯމަ ދުވަހު ޔޫއޭއީގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، އީރާނުން އެ ގައުމާ ދިމާލަށް ފޮނުވާލި ހަތަރު ކްރޫޒް މިސައިލެއް ވަނީ ދެނެގަނެވިފައެވެ. މީގެ ތެރެއިން ތިން މިސައިލެއް ޔޫއޭއީގެ ކަނޑުގެ ސަރަހައްދަށް ވަންނަން އުޅެނިކޮށް ވައްޓާލާފައިވާއިރު، ހަތަރުވަނަ މިސައިލް ވެއްޓުނީ ކަނޑަށެވެ. ޔޫއޭއީގެ އެއާ ޑިފެންސް ސިސްޓަމުން ވަނީ މި ހަމަލާތަކަށް ކާމިޔާބުކަމާއެކު ރައްދުދީފައެވެ.
މި ހަމަލާތަކާ ގުޅިގެން ޔޫއޭއީގެ ރައްޔިތުންނަށް ވަނީ ކުއްލި ނުރައްކަލުގެ އެލާޓްތައް ފޮނުވާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ނުވަތަ ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. މިއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން މިފަދަ އެލާޓެއް ނެރުނު ފުރަތަމަ ފަހަރެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ދޮގު ހަބަރުތައް ނުފެތުރުމަށާއި، ހަމައެކަނި ރަސްމީ މަސްދަރުތަކުން ލިބޭ މައުލޫމާތަށް ބަރޯސާވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކުއްލި ހާލަތްތަކުގައި ސަލާމަތީ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!