އީރާނާއި ދެކޮޅަށް އެމެރިކާ ކުރަމުންދާ ހަނގުރާމައިގައި އެމެރިކާ "ލަދުގަންނަވާލަމުން" ދާކަމަށާއި، އީރާނުން މި ހަނގުރާމައިގައި ކުރިހޯދަމުންދާއިރު އެމެރިކާ އަށް މިކަމުން ސަލާމަތްވާނެ ސާފު މަގެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މާޒް އިންޒާރު ދެއްވައިފިއެވެ.
ޖަރުމަނުގެ މާސްބާގްގައި ދަރިވަރުންނާ މުހާތަބު ކުރައްވަމުން މާޒް ވިދާޅުވީ، މިހާރު އުފެދިފައިވާ ހާލަތަކީ އެމެރިކާގެ ސްޓްރެޓީޖިކް ބޮޑު ނާކާމިޔާބީއެއް ކަމަށެވެ. އަދި މީގެ ކުރިން އަފްޣާނިސްތާނާއި އިރާގުގައި އެމެރިކާއަށް ކުރިމަތިވި ހިތްދަތި ތަޖުރިބާތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މިފަދަ ހަނގުރާމަތަކުގައި އޮންނަ މައްސަލައަކީ ހަމައެކަނި އޭގެ ތެރެއަށް ވަނުމެއް ނޫން ކަމަށާއި، އެއިން ސަލާމަތްވެގެން ނުކުންނަންވެސް އެނގެންޖެހޭނެ ކަމަށެވެ.
މާޒް ފާހަގަކުރެއްވި ގޮތުގައި އީރާނުގެ އޮފިޝަލުން މަޝްވަރާތަކުގައި ވަރަށް ހުޝިޔާރުކަމާއެކު އަމަލުކުރަމުންދާއިރު، އެ ގައުމަކީ ކުރިން ހީކުރި ވަރަށްވުރެ މާ ވަރުގަދަ ބައެއްކަން މިހާރު ވަނީ ހާމަވެފައެވެ. ވަކިން ހާއްސަކޮށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން މުޅި އެމެރިކާ ލަދުގަންނަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ޖަރުމަނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރައްވައި، ހަނގުރާމަ އަވަހަށް ނިންމުމަށް މާޒް ގޮވާލެއްވިއެވެ.
"މިހާރު މިއޮތީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައިވާ ހާލަތެއްގައި. މީގެ ސަބަބުން އަޅުގަނޑުމެންނަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ. އީރާނާ ދެކޮޅަށް ކުރާ މި ހަނގުރާމައިގެ ސީދާ އަސަރު އަޅުގަނޑުމެންގެ އިގްތިސާދީ އުފެއްދުންތެރިކަމަށް އެބަފޯރާ،" އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯރްމޫޒްގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި މައިން ސުވީޕަރުން ފޮނުވަން ޖަރުމަނުން ތައްޔާރަށް އޮތް ނަމަވެސް، އެކަން ކުރެވޭނީ ހަމަލާތައް ހުއްޓާލުމުން ކަމަށް ޗާންސެލަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހަން ވަޑެފުލް ވެސް ވަނީ ނިއުކްލިއަރ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ދަތިކަމާއި އިގްތިސާދީ ސަލާމަތްތެރިކަން ކުރިމަތިވެދާނެތީ މުޅި ޔޫރަޕްގައި މިހާރު ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ. މިކަމާ ގުޅިގެން ފްރާންސާއި ޖަރުމަނުން ދަނީ ނިއުކްލިއަރ ރައްކާތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!