އީރާނުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވުމަށް ސުވިޒަލޭންޑުން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފެޑަރަލް ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް (އެފް.ޑީ.އެފް.އޭ) އިން ހުކުރު ދުވަހު ބުނެފިއެވެ.

އެފް.ޑީ.އެފް.އޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެމްބަސީގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި އެމްބަސީގެ ކުޑަ ޓީމެއް މި ހަފުތާގައި ވަނީ ތެހެރާނަށް އެނބުރި ގޮސްފައެވެ. އަދި އެމްބަސީ ފުރިހަމައަށް ހުޅުވުމާ ގުޅޭގޮތުން ކުރަންޖެހޭ އިވެލުއޭޝަންތައް ނިމުމުން، ރޭވިފައިވާ ގޮތުގެ މަތިން ބާކީ ތިބި މުވައްޒަފުން އެނބުރި ދާނެއެވެ.

Ad
rt

ސުވިޒަލޭންޑުން ބުނެފައިވަނީ އެ ސަރަހައްދުގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ބައިވެރި ގައުމުތަކާ ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށެވެ. އަދި މަސްރަޙު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށްވެސް އެ ގައުމުގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ.

މެދުއިރުމަތީގެ ސަލާމަތީ ނުރައްކާތައް އިތުރުވުމާ ގުޅިގެން، އީރާނުގައި ހުންނަ އެމްބަސީ ވަގުތީ ގޮތުން ބަންދުކުރިކަން ސުވިޒަލޭންޑުން އިޢުލާނުކުރީ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު މުޢާމަލާތްކުރާނެ މަގުތައް އެ ގައުމުން ދިޔައީ ދަމަހައްޓަމުންނެވެ.