އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގައުމީ މަޖިލީހުގެ 55 މެމްބަރަކު ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅަށް ނިސްބަތްވާ ގައުމީ މަޖިލީހުގެ 9 މެމްބަރަކު ހިމެނިއްޖެއެވެ.

އިތުބާރުގެ މައްސަލާގައި ސާބިތުކަން ދައްކަވައި ގަޕޯ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ގޮތް ނިންމަންޖެހޭނީ ގައުމީ މަޖިލިހުގައި ނަގާ ވޯޓުން ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.

Ad
rt

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަފޫރު ވަކިކުރުމުގެ ވޯޓަށް އަހަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި މައްސަލަ ހުށަހެޅީ މިއަދު ހަވީރެވެ. އެ މައްސަލާގައި ސޮއިކޮށްފައި ވަނީ ގައުމީ މަޖިލީހުގެ 55 މެމްބަރުންކަމަށްވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ޖުމްލަ އަދަދަކީ 123 އެވެ.

ގަޕޯގެ އިތުބާރުގެ ޕެޓިޝަންގައި ސޮއިކުރި ގައުމީ މަޖިލީހަށް ނިސްބަތްވާ ބޮޑުތިލަދުންމަތީގެ ރައީސުން

  • ޢަބުދުﷲ ވަޙީދު - ދިއްދޫ ދާއިރާ
  • ނައުޝާދު އިބްރާހިމް - ބާރަށު ދާއިރާ
  • އަބުދުއްސަލާމް އާދަމް - ކުޅުދުއްފުށީ އުތުރު ދާއިރާ
  • ހުސައިން މުހައްމަދު - ކުޅުދުއްފުށީ ދެކުނު ދާއިރާ
  • ޢަލީ އަބުދުއްރަޙްމާން - ނޮޅިވަރަމް ދާއިރާ
  • މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
  • އަހްމަދު މަޖުދީ - ވައިކަރަދޫ ދާއިރާ
  • މުހައްމަދު ޖަލާލު - ކޮމަންޑޫ ދާއިރާ
  • އަހްމަދު ފާއިޒް - މިލަންދޫ ދާއިރާ

މީގެ އިތުރުން މި ސަރަހައްދު ހިމެނޭ މަތިއުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން ވެސް ވަނީ މި މައްސަލާގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް އާއި، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް އާއި އޭނާގެ ފިރިކަލުން ކުރީގެ މެމްބަރު މުހައްމަދު ނާޝިޒު އަދި ދުވާފަރު ދާއިރާގެ ކުރީގެ މެމްބަރު އިސްމާއީލް އަހްމަދު ހިމެނެއެވެ.

މި މައްސަލައާއި މެދު ގޮތެއް ނިންމަން ބާއްވަން ޖެހޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ހޯމަ ދުވަހު ބާއްވަން މިއަދު އެ ޕާޓީން ވަނީ ނިންމައި އެކަން ގައުމީ މަޖިލީހުގެ މެމްބަރުންނަށް މިހާރު އަންގާފައެވެ.