"ޢަދާވާތްތެރި ފަރާތްތަކަށް" މަޢުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އެޤައުމުގެ ކަމާބެހޭ އިދާރާތަކުން 500 މީހަކު ހައްޔަރުކޮށްފައިވާކަަމަށް އީރާނުގެ ފުލުހުންގެ އިސްވެރިޔާ އަޙްމަދު ރޭޒާ ރާދާން އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ޤައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވިގެން ހިންގުނު އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

Ad
rt

ފުލުހުންގެ އިސްވެރިޔާ ރާދާން ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ މައްސަލައަކީ ވަރަށް ނުރައްކާތެރި ހާދިސާތަކާ ގުޅުންހުރި ކަންކަމެވެ. މީގެ އިތުރުން، ބައެއް މީހުން ވަކިވަކި ތަންތަނަށް އަމާޒުކޮށް ހަމަލާދިނުމަށް ބޭނުންވާ ސީދާ ކޯޑިނޭޓްތަކާއި މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި، ވައިގެ މަގުން ދިން ހަމަލާތަކުގެ މަންޒަރުތައް ފިލްމުކޮށް ޤައުމުން ބޭރުގެ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެކި ޕްރޮވިންސްތަކުން ގިނަ ބަޔަކު ބަންދަށް

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު އެޤައުމުގެ ހުޅަނގު އުތުރުގެ ސަރަޙައްދުތައް ހިމެނޭހެން އެކި ޕްރޮވިންސްތަކުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ތަސްނީމް ނިއުސް އެޖެންސީން ސަރަޙައްދީ ޕްރޮސިކިއުޓަރުގެ އޮފީހާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އިރާނުގެ އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކާ ބެހޭ މަޢުލޫމާތު އިސްރާއީލަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އެކަނިވެސް 20 މީހަކު ވަނީ ބަންދުކޮށްފައެވެ.

ހަނގުރާމައިގެ ކުރިމަތީ ސަފުތަކާ ދުރުގައިވާ ސަރަޙައްދުތަކުން ވެސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އިރާނުގެ އިރުއުތުރުން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް އިޤްތިޞާދީ އުމްރާނީ ވަސީލަތްތަކާއި ނާޒުކު ތަންތަނާ ބެހޭ މަޢުލޫމާތު އެއްކުރި ކަމުގެ ތުހުމަތު ކުރެވޭ ކަމަށް އެ އެޖެންސީން ހާމަކުރިއެވެ.

ބޭރުގެ ނުފޫޒުތަކަށް ކުރެވޭ ތުހުމަތު

އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިންޓެލިޖެންސް ޚިދުމަތުގެ ގޮތްޕަކުން ބުނެފައިވާ ގޮތުގައި، "ޒަޔަނިސްޓް ދުޝްމަނުން" (އިސްރާއީލް) އާއި އެމެރިކާއިން އިރާނަށް އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، އޭގެ ދެވަނަ ފިޔަވަހީގެ ގޮތުން ހަމަނުޖެހުން ހިންގުމަށްޓަކައި ކުލީ ސިފައިންނާއި ޖާސޫސުންގެ ބޭނުން ހިފަމުންދާ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހައްޔަރުކުރުންތަކާ ގުޅިގެން އިރާނުގެ ސަލާމަތީ ބާރުތަކުން ދަނީ އިތުރަށް ތަޙުޤީޤުތައް ކުރިއަށް ގެންދަމުންނެވެ. އަދި ޤައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ޢަމަލަކަށް ފުރުޞަތު ނުދޭނެ ކަމަށް އެޤައުމުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.