އީރާނުގެ އާ ލީޑަރޝިޕާއި އެގައުމުގެ ވަރުގަދަ ސިފައިންގެ ފައުޖު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ އިސްވެރިންނާ ގުޅޭ ސައްހަ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން ޑޮލަރުގެ ބޮޑު އިނާމެއް ދޭނެކަމަށް އެމެރިކާއިން އިޢުލާންކޮށްފިއެވެ.

މި އިނާމު ރަސްމީކޮށް އިޢުލާންކޮށްފައިވަނީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ "ރިވޯޑްސް ފޯ ޖަސްޓިސް" (އާރް.އެފް.ޖޭ) ޕްރޮގްރާމުން މީގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ސިޔާސީ އަދި ނަފްސާނީ ހަނގުރާމައިގެ ތެރެއިން އެޅި ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

Ad
rt

ދައުލަތެއްގެ އެންމެ އިސްވެރިންނާ ގުޅޭ މަޢުލޫމާތު ހޯދުމަށް މިފަދަ ބޮޑު އަދަދެއް ހުށަހެޅުމަކީ، އެ ގައުމެއްގެ އެތެރޭގެ މަސްލަހަތު ގަޑުބަޑުކޮށް ޚިޔާނާތްތެރިވުމަށް މަގުފަހިކުރުމަށްޓަކައި ކުރާ "ފުރިހަމަ ހަނގުރާމަ" އެއްގެ ސިފަޖެހޭ އަމަލެކެވެ.
އާރް.އެފް.ޖޭ އިން 13 މާރިޗު 2026 ގައި ނެރުނު "މޯސްޓް ވޯންޓެޑް" ލިސްޓުގައި މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ އީރާންގެ އިސް ލީޑަރު މުޖުތަބާ ޚާމަނާއީގެ އިތުރުން އީރާނުގެ ސިޔާސީ އަދި އަސްކަރީ ގިނަ އިސްވެރިންތަކަކަށެވެ. މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި:

ޢަލީ ލާރީޖާނީ: ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ.
އިސްކަންދަރު މޫމިނީ: ދާޚިލީ ވަޒީރު.
އިސްމާޢީލް ޚާތިބު: އިންޓެލިޖެންސް އެންޑް ސެކިއުރިޓީ މިނިސްޓަރު.
ޢަލީ އަސްގަރު ހެޖާޒީ: އަވަހާރަވެފައިވާ ޢަލީ ޚާމަނާއީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް.
ޔަޙްޔާ ރަޙީމް ސަފަވީ: ސުޕްރީމް ލީޑަރުގެ އަސްކަރީ މުޝީރު.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފަރާތްތަކާ ގުޅޭ ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދޭ މީހަކަށް 10 މިލިއަން ޑޮލަރުގެ ނަގުދު ފައިސާގެ އިތުރުން، އެމީހަކާއި އެމީހެއްގެ އާއިލާއަށް އެމެރިކާއަށް ނުވަތަ ތިންވަނަ ގައުމަކަށް ދިރިއުޅުން ބަދަލުކުރުމުގެ (ރިލޮކޭޝަން) ފުރުސަތުވެސް ދޭނެއެވެ. މީގެ އިތުރުން، މި އިޢުލާނުގައި ވަކިވަކި ހަތަރު މަގާމެއްގެ މީހުން ދެނެގަތުމަށްޓަކައި "ސިލޫއެޓް" ނުވަތަ ހިޔަނި ތަސްވީރުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އައި.އާރް.ޖީ.ސީގެ ކޮމާންޑަރ-އިން-ޗީފް އާއި ސުޕްރީމް ލީޑަރުގެ އަސްކަރީ އޮފީހުގެ އިސްވެރިޔާ ހިމެނެއެވެ.

މި އިނާމު އިޢުލާންކޮށްފައިވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ދެއްވި ވަރުގަދަ ބަޔާނަކަށް ފަހުގައެވެ. ހެގްސެތު ވިދާޅުވި ގޮތުގައި، ދާދިފަހުން ދިން ހަމަލާތަކުގައި މުޖުތަބާ ޚާމަނާއީއަށް ވަނީ އަނިޔާވެ، އޭނާގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދި މިހާރު އޭނާ އުޅެނީ ތެހެރާންގެ ބިންގަރާހެއްގައި ފިލައިގެން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، އެމެރިކާއިން މި ދަނޑިވަޅުގައި މިފަދަ ފިޔަވަޅެއް އެޅީ ގުދުސް ދުވަހުގެ ރޭލީއަށް ދިން ހަމަލާއަށްފަހު އީރާނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ފައިދާ ނެގުމަށެވެ. އީރާނުގެ ވެރިންގެ ބޯތަކަށް އަގު ކަނޑައެޅުމަކީ، އެގައުމުގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކަށް އެމެރިކާއިން ދޭ އިންޒާރެކެވެ. އެއީ އީރާނުގެ މިހާރުގެ ވެރިކަމުގެ ނިޒާމަކީ "ފެތެމުންދާ އުޅަނދެއް" ކަން އެމީހުންނަށް އަންގައިދީ، އެތެރޭގެ ބަޣާވާތަކަށް ހިތްވަރު ދިނުމަށް ކުރާ ކަމެއް ކަމަށްވެސް ބެލެވެއެވެ.