ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވާނެތީ، މަދިރީގެ ކިބައިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި އިލްތިމާސާއެކު އެޗްޕީއޭ އިން ވަނީ މަދިރި ހެފުމުން ރައްކާތެރިވެ، މަދިރި އާލާވާ ތަންތަން ނައްތާލައި، ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުމަށް ނަސޭހަތްތެރިވެފައެވެ.

Ad
rt

''ބަލިވެ އުޅޭނަމަ އަރާމުކުރުމާ، ގިނައިން ދިޔާ އެއްޗެހި ބޭނުންކުރައްވާ، އަދި އަލާމާތްތައް ގޯސްވާނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯއްދަވާ!'' އެޗްޕީއޭ އިން ބުނެފަވެއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ޑެންގީ ހުން ފެތުރެނީ އީޑީސް މަދިރި ޑެންގީ ޖެހިފައިވާ މީހެއްގެ ގައިގައި ހެފުމަށްފަހު އެހެން މީހުންގެ ގައިގައި ހެފުމުގެ ސަބަބުންނެވެ. އެހެންކަމުން، މަދިރީގެ ކިބައިން ރައްކާތެރިވުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ޑެންގީ ޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތް

ޑެންގީ ހުން ޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ބަލި ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި ދިޔާ ތަކެތި ބުއިން އިތުރުކުރުމަށް އެދިފައިވެއެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުމާއެކު، ހުން މަޑުކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭސްތައް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް

މަދިރިން ރައްކާތެރިވުމަށްޓަކައި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، މަދިރި ގޭތެރެއަށް ވަނުން މަދުކުރުމަށް ކުޑަދޮރު އަދި ޖާލިފަދަ ތަންތަނުގައި މަދިރި ދާ ޖެހުމަށް އެދިފައިވެއެވެ. އީޑީސް މަދިރި އެންމެ ގިނަވަނީ ހެނދުނުގެ ވަގުތުތަކުގައި ކަމަށްވިޔަސް، ހުރިހާ މަދިރިއެއް ވެސް ދުވާލުގެ ވަގުތުތަކުގައި ގިނަވާތީ، ހުރިހާ ވަގުތެއްގައި ވެސް ވީހާ ބޮޑަށް ހަށިގަނޑު ނިވާކުރުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.

ޑެންގީއިން ސަލާމަތްވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ މަދިރި އާލާވާ ތަންތަން ނައްތާލުމެވެ. އީޑީސް މަދިރި އާލާވަނީ ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. ގެއާއި ގޯތިތެރޭގައި ފެން ހަރުލާހެން ހުންނަ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ސާފުކުރުމަށް އެދިފައިވާއިރު، ގަސްމުށްޓާއި ތާންގީ ފަދަ ތަކެތި ފެން ނޭޅޭނެހެން ބަންޑުން ޖެހުމަށް ނުވަތަ މަތި އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މަދިރި ބިސް ހަލާކުނުވެ ހަ މަސް ވަންދެން ހުންނާތީ، ފެން ހުސްކުރުމަށްފަހު ވެސް މިފަދަ ތަކެތި ރަނގަޅަށް ސާފުކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.