ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން، ށ. ފޯކައިދޫ ކައުންސިލާއި މަންފާ ޖަމިއްޔާ ގުޅިގެން ފޯކައިދޫގައި ޚާއްޞަ ދީނީ ދަރުހެއް ބާއްވައިފިއެވެ.

"ތައްޔާރުވަމާ" މި ނަމުގައި ބޭއްވުނު މި ދަރުހަކީ ރަށުގެ އެކި މުވައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވުނު ވަރަށް ކާމިޔާބު ހަރަކާތެކެވެ.

Ad
rt

ފޯކައިދޫގައި ބޭއްވުނު މި ބޮޑު ދަރުސް ދެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމް އެވެ. މި ދަރުސްގައި ރޯދަމަހަށް ރޫހާނީގޮތުންނާއި ނަފްސާނީގޮތުން ތައްޔާރުވާނެ ގޮތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.

"ތައްޔާރުވަމާ" މި ނަމުގައި ފޯކައިދޫގައި ބޭއްވި ދަރުހުގެ ތެރެއިން، ފޮޓޯ: ކައުންސިލް

މި ހަރަކާތަށް ފޯކައިދޫގެ އިތުރުން އެ އަތޮޅުގެ އެހެނިހެން ރަށްރަށުންވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފޯކައިދޫ ކައުންސިލުން ފާހަގަކުރެއެވެ.

މި ދަރުސްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ނަސީބުވެރިއަކަށް، ފަރީ ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން ވަނީ ހިލޭ އުމްރާ ދަތުރެއް ހަދިޔާކޮށްފައެވެ. މިއީ ދަރުސްގެ ބައިވެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ.

"ތައްޔާރުވަމާ" މި ނަމުގައި ފޯކައިދޫގައި ބޭއްވި ދަރުހުގެ ތެރެއިން އުމުރާ ދަތުރު ލިބުނު ފަރާތަށް އިނާމު ހަވާލުކުރަނީ، ފޮޓޯ: ކައުންސިލް

ފޯކައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި މި ދަރުސްގައި 1200 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްލާމިކް މިނިސްޓްރީއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓްރީގެ އިތުރުން، ށ. އަތޮޅު ކައުންސިލާއި، ފޯކައިދޫ ސްކޫލް، އަތޮޅު ޕޮލިސް، ފޯކައިދޫ ސިއްހީ މަރުކަޒު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ބްލަޑް ބްރަދާސް ސްޕޯޓްސް ކުލަބުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ތައްޔާރުވަމާ" މި ނަމުގައި ފޯކައިދޫގައި ބޭއްވި ދަރުހުގެ ތެރެއިން، ފޮޓޯ: ކައުންސިލް

މި ދަރުސް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ފޯކައިދޫ ކައުންސިލުން ވަނީ އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށާއި ރަށުގެ ރައްޔިތުންނަށް އިހްލާސްތެރި ޝުކުރެއް އަދާކޮށްފައެވެ