އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ "ފަލަސްތީނު އެކްޝަން" އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ގައުމުގެ ސަރުކާރުން އެ ޖަމާއަތް މަނާކުރި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

ހުކުރު ދުވަހު ހައިކޯޓުގެ ފަނޑިޔާރުން އިއްވެވި މި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފަލަސްތީނު އެކްޝަން މަނާކުރުމަށް ނިންމި ނިންމުމަކީ އިންސާފުން ބޭރު، ނުބައްދަލު ނިންމުމެއް ކަމަށެވެ. މިއީ ބޮޑުވަޒީރު ކެއަރ ސްޓާމަރގެ ލޭބަރ ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

Ad
rt

މި ނިންމުމާ ގުޅިގެން ފަލަސްތީނު އެކްޝަންގެ ކޯ-ފައުންޑަރ ހުދާ އައްމޫރީ ''އަލްޖަޒީރާއަށް'' ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ ފަލަސްތީނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުމުގެ ސަބަބުން އެ ޖަމާއަތުގެ ނަން މުޅި ދުނިޔެއަށް މަޝްހޫރުވެ، އާދައިގެ ރައްޔިތުންނަށް ހަތިޔާރު އުފައްދާ ކާރުހާނާތައް ހުއްޓުވުމުގެ ބާރު އޮތްކަމުގެ މެސެޖު ފެތުރިގެން ދިޔުމުން ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އިނގިރޭސި ސަރުކާރުން މި ޖަމާއަތް މަނާކުރުމުން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާއާއި އަޔަލޭންޑްގެ މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަދަ ބޭފުޅުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، އައި.އެސް އާއި އަލްގައިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ އެއް ސަފެއްގައި މިފަދަ ހަރަކާތެއް ހިމެނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅޭ ބޮޑު ހުރަހެކެވެ.

2020 ވަނަ އަހަރު އުފެއްދި ފަލަސްތީނު އެކްޝަންގެ މައިގަނޑު މަގްސަދަކީ، އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް އެހީތެރިވާ ހަތިޔާރު އުފައްދާ ކުންފުނިތައް ހުއްޓުވުމެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތުގައި ހުންނަ އިޒްރޭލުގެ އެންމެ ބޮޑު ހަތިޔާރު ކުންފުނި 'އެލްބިޓް ސިސްޓަމްސް' އަށް އަމާޒުކޮށް އެ ޖަމާއަތުން އަންނަނީ ސީދާ އަމަލީ ހަރަކާތްތައް ހިންގަމުންނެވެ.

"ގަތުލުއާންމު ހިންގުމަށް ބޭނުންކުރާ ހަތިޔާރުތައް ފޮނުވުން ހުއްޓާލުމަށް އެހެން މީހެއްގެ ގާތު އާދޭސް ކުރުމުގެ ބަދަލުގައި، އަހަރެމެން މިދަނީ އެ ހަތިޔާރު އުފައްދާ ތަނަށް. އަދި އަމިއްލައަށް އެކަން ހުއްޓުވަނީ،" އުމުރުން 31 އަހަރުގެ އައްމޫރީ ވިދާޅުވިއެވެ.

މި މައްސަލާގައި އިނގިރޭސިވިލާތުގެ އެމްޕީ ޖޯން މެކްޑޮނަލް ވިދާޅުވީ، އިހުތިޖާޖު ކުރުމާއި ބަސްބުނުމުގެ މިނިވަންކަމަށް ސަރުކާރުން އިހުތިރާމު ކުރަންޖެހޭނެ ކަމަށާއި، މި ހުކުމް އިސްތިއުނާފު ނުކުރުމަށް ގޮވާލާ ކަމަށެވެ. އަދި ޖަސްޓިސް މިނިސްޓަރ ޝަބާނާ މަހްމޫދު ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑު ހިޔާނާތެއް ވެފައިވާ ކަމަށްވެސް އައްމޫރީ ވަނީ ތުހުމަތުކޮށްފައެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިނގިރޭސިވިލާތުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް ފަލަސްތީނު އެކްޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.