ށ. ފުނަދޫގައި ތަރައްގީކުރާ އެމްއެންޑީއެފް އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑުގެ ޚިދުމަތް ދެގުނަ ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

އަސްކަރީ އުޅަނދުތަކާއި ވަސީލަތްތައް އިތުރުކުރުން

ކޯސްޓްގާޑުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި އިތުރު 17 އިންސްޕެކްޓަރ ވެސަލް ޚިދުމަތަށް ނެރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ތުރުކީވިލާތުން ހަދިޔާކުރި ބޮޑު އަސްކަރީ މަނަވަރުގެ އިތުރުން، ޖަޕާނާއި އޮސްޓްރޭލިއާގެ އެހީގައި އިތުރު އުޅަނދުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރާ މަނަވަރުވެސް މިއަހަރު ޚިދުމަތަށް ނެރެވޭނެއެވެ.

ވައިގެ ސިފައިންގެ ޚިދުމަތް ފުޅާކުރުން

އެމްއެންޑީއެފް އެއަރ ކޯގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސ. ގަމުގެ އިތުރުން ށ. ފުނަދޫގައި އެއަރ ސްޓޭޝަނެއް ޤާއިމުކޮށް މިއަހަރު ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. "މިދިޔަ އަހަރު އެމްއެންޑީއެފް އެއަރސްޓޭޝަން ސ. ގަމުގައި ވަނީ ޚިދުމަތް ފަށާފައި. އަދި އުތުރުގައި އެއަރސްޓޭޝަނެއް ޤާއިމް ކުރުމަށް ނިންމައި ށ. ފުނަދޫގައި ތަރައްޤީކުރެވޭ އެއަރސްޓޭޝަން ނިންމައި އިރާދަ ކުރެއްވިއްޔާ މިއަހަރު ބޭނުން ކުރަން ފަށާނަން،" ރައީސް ވިދާޅުވިއެވެ.

އަސްކަރިއްޔާގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ގިރިފުށި ބިން ހިއްކުމާއި، އައްޑޫ ޓްރެއިނިންގ ސެންޓަރު އަދި ކަޅުތުއްކަލާ ކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތައް މިހާރު ފެށިގެން ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވައިގެ މަރުކަޒު ގާއިމުކުރީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި، ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށެވެ.

އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) 2024 ވަނަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ތުރުކީން ގަނެފައިވާ ތިން ޑްރޯން އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.