ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގެ އޮފީސްތަކަށް އެ ގައުމުގެ ފުލުހުން ވަދެ ފާސްކުރަން ފަށައިފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގަމުންދަނީ ޕެރިހުގެ ޕްރޮސެކިއުޓަރުގެ ސައިބަރ ކްރައިމް ޔުނިޓުންނެވެ.

Ad
rt

މި ފާސްކުރުންތަކަކީ ހުއްދަނެތި މައުލޫމާތު ނެގުމާއި، ކުޑަކުދިންގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ ބަދުއަޚްލާގީ މަންޒަރުތައް ގެންގުޅުމުގައި ބައިވެރިވުން ހިމެނޭހެން، ޖިނާއީ ބައެއް ކުށްތަކަކަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހިންގާ ހަރަކާތްތަކެކެވެ. ފަރަންސޭސި ޕްރޮސެކިއުޓަރުގެ އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވުމަށް އެކްސްގެ ވެރިޔާ އީލޮން މަސްކް އާއި އެ ކުންފުނީގެ ކުރީގެ ސީއީއޯ ލިންޑާ ޔަކަރީނޯއަށް މިހާރު ވަނީ އަންނަ އޭޕްރީލް މަހަށް އަމުރު ފޮނުވާފައެވެ.

މި ތަހުގީގު ފުރަތަމަ ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު އެކްސްގެ އެލްގޮރިދަމް މެދުވެރިކޮށް ދައްކާ ކޮންޓެންޓްތަކާ ގުޅިގެންނެވެ. ނަމަވެސް، އެ އަހަރުގެ ޖުލައި މަހު ތަހުގީގު ފުޅާކޮށް، މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ގްރޮކް" ވެސް ވަނީ މި ތަހުގީގުގެ ތެރެއަށް ވައްދާފައެވެ.

މިކަމާ ގުޅިގެން އީލޮން މަސްކް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ސިޔާސީ ގޮތުން ދެވޭ ހަމަލާއެއް ކަމަށެވެ. އަދި އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޕެރިހުގެ ޕްރޮސެކިއުޓަރުގެ އޮފީހުން ކުރަނީ ނަހަމަ އަމަލެއް ކަމަށާއި، މި ފާސްކުރުންތަކުގެ ސަބަބުން މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށް ހުރަސް އެޅޭ ކަމަށެވެ. ކުންފުނީގެ ކުރީގެ ސީއީއޯ ޔަކަރީނޯ ވެސް ވަނީ މިއީ އެމެރިކާ މީހުންނާ ދެކޮޅަށް ހިންގާ ސިޔާސީ ބަދަލުހިފުމެއް ކަމަށް ސިފަކޮށްފައެވެ.

ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތުން ވެސް މިހާރު ވަނީ އެކްސްގެ "ގްރޮކް" އޭއައިއާ ގުޅޭ އާ ތަހުގީގެއް ފަށާފައެވެ. އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނާސް އޮފީސް އިން ބުނީ، ގްރޮކް މެދުވެރިކޮށް ގެއްލުންހުރި ޖިންސީ މަންޒަރުތަކާއި "ޑީޕްފޭކް" ވީޑިއޯ އުފެއްދުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އަންހެނުންގެ އަސްލު ފޮޓޯ ބޭނުންކޮށްގެން، އެމީހުންގެ ހުއްދައަކާ ނުލައި ޖިންސީ މަންޒަރުތައް އުފެއްދުން ހިމެނެއެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ މުވާސަލާތީ ރެގިއުލޭޓަރ "އޮފްކޮމް" އިން ބުނީ، މިކަމަކީ ވަރަށް އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް، ޗެޓްބޮޓްތަކާ ގުޅޭ ގޮތުން އެކަށީގެންވާ ގާނޫނީ ބާރުތަކެއް މިވަގުތު ނެތުމުން ބައެއް ދަތިތައް ހުރި ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

މި މައްސަލައިގެ ތެރެއަށް މިހާރު ޔޫރަޕިއަން ކޮމިޝަނުން ވެސް ވަނީ ވަދެފައެވެ. ކޮމިޝަނުން ވަނީ އެކްސްގެ މައި ކުންފުނި އެކްސްއޭއައި އާ ގުޅޭ ތަހުގީގެއް ފަށާފައިވާކަން އިއުލާންކޮށް، ފަރަންސޭސިވިލާތާ ގުޅިގެން މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ. އެކްސް އިން ބުނަމުންދަނީ އެ ކުންފުނިން އެއްވެސް ގޯސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.