އުރީދޫ މޯލްޑިވްސް އިން 2026 ވަނަ އަހަރުގެ ކަލަންޑަރު "ޓީ ވިތް އުރީދޫ" ގެ ނަމުގައި ރަސްމީކޮށް ނެރެފިއެވެ.

ކޮންމެ އަހަރަކުވެސް ދިވެހި ސަގާފަތާއި އުފެއްދުންތެރިކަމަށް ހާއްސަކޮށްގެން ނެރޭ މި ކަލަންޑަރު މިއަހަރު ހާއްސަކޮށްފައިވަނީ ދިވެހި މުޖުތަމައުތައް ގުޅުވައިދޭ އެންމެ މުހިންމު އެއް އާދަކާދަ ކަމަށްވާ ސައި ބުއިމުގެ ސަގާފަތުގެ މައްޗަށެވެ.

Ad
rt

ޒަމާނުއްސުރެ ރާއްޖޭގެ ގޭގޭގައި ސަޔަކީ ހަމައެކަނި ބުއިމަކަށް ވުރެ މާ ބޮޑު އެއްޗެކެވެ. އެއީ ދުވަސް ފަށުމަށާއި، ބުރަ ދުވަހެއްގެ މެދުތެރެއިން ހަމަޖެހިލުމަށް ނަގާ ބްރޭކެއްގެ އިތުރުން، އާއިލާއާއި ރަހުމަތްތެރިން ބައްދަލުވެ ގުޅުން ބަދަހިކުރާ ވަގުތެކެވެ. "ހިނގާ ސަޔަށް؟" މި ލަފުޒަކީ ކޮންމެ ގުޅުމަކަށް އަދި ކޮންމެ މުނާސަބަކަށް ފަހިވެފައިވާ، ދިވެހިންގެ ތެރޭގައި އެންމެ އާންމު އެއް ސުވާލެވެ.

މި ސަގާފަތާ ގުޅުވައިގެން 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ކޮންމެ މަހަކު ވެސް ތަފާތު ސައިގެ ބާވަތެއް ވަނީ ހިމަނާފައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުންނަ މޭވާ އަދި މާމެލާމެލީގެ ރަހަތައް ހިމެނޭ ސައިތައް ކަލަންޑަރުގެ ކޮންމެ ސަފުހާއަކުން ފެނިގެންދާނެއެވެ. ކޮންމެ މަހެއްގެ ސަފުހާއަކުން ވެސް އެ މަހަކަށް ހާއްސަ ސައިގައި އެކުލެވިގެންވާ މައިގަނޑު ރަހައިގެ ބާވަތްތައް ތަފްސީލުކޮށްދެއެވެ.

މި ކަލަންޑަރާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ، "އުރީދޫ މޯލްޑިވްސްގައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގުޅުންތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ ޒަރީއާއިން ބަދަހިވާ އެއްޗެއް ނޫން. ސައި ބުއިމުގެ ސަގާފަތަކީ ދިވެހިން އެކަކު އަނެކަކާ ގުޅުން ބަދަހިވުމުގެ އެއް މެދުވެރިއެއް. އޮފީސް މަސައްކަތުގައިވިޔަސް، ރައްޓެހިން ނުވަތަ އާއިލާ އެއްވެލާ ވަގުތު ތަކުގައިވެސް ސައި ބުއިމަކީ ދިވެހިންގެ އާދަކާދައިގައި ހިމޭ މުހިންމު ކަމެއް. އުރީދޫގެ 2026 ވަނަ އަހަރުގެ ކަލަންޑަރުގެ ތެރެއިން އަޅުގަނޑުމެން ބޭނުންވީ މި އާދަކާދަ ދިރުވަން،" ކަމަށެވެ.

އުރީދޫން މިއަހަރު ވަނީ ޑެސްކް ކަލަންޑަރުގެ އިތުރުން ފާރުގައި އަޅުވާ ކަލަންޑަރެއް އަދި ޑިޖިޓަލް ކަލަންޑަރެއް ވެސް ތައާރަފްކޮށްފައެވެ. ހާއްސަ ކަމެއްގެ ގޮތުން، ޑެސްކް ކަލަންޑަރާއެކު ކޮންމެ މަހަކު ވެސް ދިވެހި ރަހަތައް ހިމެނިފައިވާ ހާއްސަ ގްރީންޓީ ބްލެންޑެއްގެ ޓީ ކޭކެއް ލިބޭނެއެވެ. މީގެ އިތުރުން ކަލަންޑަރުގެ ޑިޖިޓަލް ވާޝަން އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

އުރީދޫ މޯލްޑިވްސްގެ އުންމީދަކީ 2026 ވަނަ އަހަރުގެ މި ކަލަންޑަރަކީ ކޮންމެ މީހެއްގެ ވެސް ޑެސްކް، ފާރު އަދި ސްކްރީނުން ފެންނަ، ދިވެހިންގެ ދުވަހީ އާދަކާދައިގެ ތެރޭގައި ހިމެނޭ މުހިންމު ބަޔަކަށް ވެގެންދިއުމެވެ.