ޝަހީދުންގެ ދުވަސް ނިސްބަތްވާ އައްސުލްޠާން ޢަލީ (6 ވަނަ) ނުވަތަ ޢަލީ ރަސްގެފާނަކީ ޔަމަނުގެ އައްސައްޔިދު ޢަބްދުއްރަޙްމާން ދޮށިމޭނާކިލެގެފާނާއި، ފެރިދޫ ބޮޑުނިޔަމީގެ ސިއްތިކަނބައިދިކިލެގެފާނުގެ ދަރިކަލެކެވެ. ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނު މަޝްހޫރުވެފައިވަނީ ޢަލީ ރަންނަބަނޑޭރިކިލެގެފާނުގެ ނަންފުޅުންނެވެ.
ދިވެހިރާއްޖޭގެ ތާރީހު ދުށް އެންމެ ހިތްވަރުގަދަ އަދި ގައުމީ ލޯބި ބޮޑު ރަސްކަލަކީ ސުލްޠާން ޢަލީ (6 ވަނަ) ނުވަތަ މަޝްހޫރު އަލިރަސްގެފާނެވެ. އެމަނިކުފާނަކީ ވަޠަނުގެ މިނިވަންކަމަށްޓަކައި ފުރާނައިން ގުރުބާންވެވަޑައިގަތް، ބިރުކުޑަ ބަތަލެކެވެ. ޢަލީ ރަސްގެފާނުގެ ވެރިކަމަށް އެންމެ ދެ މަސްވީތަނާ، ގޯވާގައި ތިބި ޕޯޗްގީޒުންގެ ބޮޑު ލަޝްކަރެއް އަނދިރިއަނދިރީގެ ވެރިކަމުގެ ދަށުން ރާއްޖެއަށް ހަމަލާދޭން ފެށިއެވެ.
ގައުމަށް ނުރައްކާތެރި ދަނޑިވަޅެއް ކުރިމަތިވި ހިނދު، އަމިއްލަ ނަފްސާއި އާއިލާއަށްވުރެ ބޮޑަށް އެމަނިކުފާނު އިސްކަންދެއްވީ ގައުމުގެ މަސްލަހަތަށާއި ދައުލަތުގެ ޒިންމާއަށެވެ. އެ ނާޒުކު ވަގުތުގައިވެސް ކެތްތެރިކަން އިސްކުރައްވައި، އެމަނިކުފާނު އަވަހާރަވި ކަމުގައިވިޔަސް ދަރިކަނބަލުން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އާއިލާއަށް ވަސިއްޔަތް ކުރެއްވިއެވެ.
އާއިލާގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްފަހު، އަލިރަސްގެފާނު ނުކުމެވަޑައިގަތީ ރާއްޖެ ހިފަން އައި ޕޯޗުގީޒުންގެ ލަޝްކަރާ ކުރިމަތިލެއްވުމަށެވެ. މި ހަނގުރާމައިގައި އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޖިހާދު ކުރައްވަނިކޮށް އެމަނިކުފާނު ޝަހީދުވިއެވެ. އެއަށްފަހު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައި ގިނަ އަހަރުތަކެއް ވަންދެން އޮންނަން ޖެހުނެވެ.
އެ ދުވަހު އެމަނިކުފާނުގެ ކުރިމަތީގައި އޮތީ ދެ މަގަކުން ކުރެ އެއް މަގެކެވެ. އެއީ ދުޝްމަނުން ބަލިކޮށް ގައުމު މިނިވަންކުރުން ނުވަތަ ދީނާއި ވަޠަނަށްޓަކައި ޝަހީދުވެ، ދާއިމީ ނިއުމަތް ހާސިލުކުރުމެވެ. އޭރު ދިވެހިންގެ ތެރޭގައި ގައުމީ ރޫހު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެ، ބޭރުގެ ނުފޫޒުތަކަށް ދީލާލާފައެވެ.
ޕޯޗްގީޒު ލިޔުންތަކުން އެނގޭގޮތުގައި މި ލަޝްކަރުގެ އިސްވެރިއަކީ ކެޕްޓަން މެނުއަލް ޑާ ސިލްވޭރާ އެވެ. މާލޭ ބަނދަރުގައި އޮތް ދުޝްމަނުންގެ އުޅަނދުތަކާއި ދިވެހިންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރެވެމުން ދިޔައިރު، ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ދުޝްމަނުންގެ ކާބޯތަކެއްޗާއި ހަތިޔާރު މަދުވެ، އެމީހުންގެ ފޯރި ކުޑަވާން ފެށިއެވެ. ނަމަވެސް، ހަމަ އެ ދަނޑިވަޅުގައި ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް ޚިޔާލުތަފާތުވުންތައް އުފެދި، ބައެއް މީހުން އަމާންދިނުމަށް ބޭނުންވިއެވެ.
އެ ދުވަސްވަރު މާލޭގައި ފިތުނަވެރިކަން އޮތީ އިންތިހާއަށް ބޮޑުވެފައެވެ. ޤައުމަށް ޣައްދާރުވި ބައެއްގެ އެހީތެރިކަމާއެކު ޕޯޗްގީޒުންނަށް މާލޭގެ ހުޅަނގު ފަރާތަށް ފޭބުމުގެ ފުރުސަތު ލިބުނެވެ. މި ނުރައްކާތެރި ވަގުތުގައި ބޮޑު ބުރުޒުގެ ވެރިޔަކަށް ހުންނެވި އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު، ރަދުންގެ އަރިހުގައި ދެންނެވީ އޭނާ މަރުވެއްޖެކަމުގެ ޔަގީން ޚަބަރު ލިބުމުގެ ކުރިން އަމާން ނުދެއްވުމަށެވެ. ނަމަވެސް ބަޣާވާތްކުރަން އުޅުނު ބަޔަކު ރަދުންނަށް ދޮގު މަޢުލޫމާތު ދީ، ބުރުޒުން އަމާން ދިދަ ނެގިކަމަށް ދެންނެވިއެވެ. އެންމެ ފަހުން ދުޝްމަނުން މާލެ އަރައިގަތް ޚަބަރާއެކު ޢަލީ ރަސްގެފާނު އެމީހުންނާ ދެކޮޅަށް ޖިހާދަށް ނުކުމެވަޑައިގެންނެވިއެވެ.
ފަތިސް ނަމާދު ވަގުތު ޕޯޗުގީޒުންގެ ލަޝްކަރު ހަތިޔާރާއެކު މާލޭގެ ހުޅަނގު އުތުރު އަތިރިމައްޗަށް ފައިބައިފިއެވެ. މި ހަމަލާއާ ކުރިމަތިލެއްވުމަށްޓަކައި ޢަލީ ރަސްގެފާނު އެކަލޭގެފާނުގެ ސިފައިންނާއެކު ނުކުމެވަޑައިގަތެވެ. ދިވެހި ލަޝްކަރުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ސީދާ ރަސްގެފާނެވެ. ހަނގުރާމައިގެ ތެރޭގައި ދިވެހި ލަސްކަރުގެ އަދަދު މަދުވަމުން ގޮސް އެންމެ ތިން މީހުންނަށް ވީއިރުވެސް، ރަސްގެފާނު ދެއްކެވީ ނުގުޑާފަދަ ހިތްވަރެކެވެ. ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން ޢީދު މިސްކިތާ ހަމައަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޮޑުވަޒީރާއި އެންމެ ޚާދިމަކު ފިޔަވައި އެހެން އެންމެން ވަނީ ފިލައިގެން ގޮސްފައެވެ. ނަމަވެސް، މި ތިން ބޭފުޅުން އެކަނިވެސް ދުޝްމަނުންނާ ކުރިމަތިލައްވައި ވަރުގަދަ ހަމަލާތަކެއް ދެއްވިއެވެ.
ރަދުންނާއެކު ހަނގުރާމައަށް ނުކުތުމުގެ ހިތްވަރު ހުރީ އެންމެ ދެ މީހެއްގެ ކިބައިގައެވެ. ގިނަ ރައްޔިތުން ތިބީ ވެރިއަކަށް ހުންނަނީ ކޮންމެ މީހަކު ކަމުގައިވިޔަސް ފަރުވާލެއް ނެތް ފަދަ ގޮތަކަށެވެ. ބުނެވޭ ފަދައިން "އައްޔަސް އަދިރިޔަސް ރަސްކަލަކު ވިއްޔާ ވަރިހަމަ.." އޭ ބުނެ ގިނަ ދިވެހިން ތިބީއެވެ. އެ ދުވަސްވަރު ޕޯޗުގީޒުންގެ އިސްވެރިއަކަށް ހުރި މީހާއަށް ދިވެހިން ކިޔައި އުޅުނީ އަދިރިއަދިރިންނެވެ.
ޕޯޗުގީޒުންގެ ބަޑީގެ ހަމަލާތަކުގެ ސަބަބުން ޢަލީ ރަސްގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ދެ ބޭފުޅުން ޝަހީދުވިއެވެ. އެ ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލައި، އެ ސަރަހައްދު ވަށައިގެން ގަލުން ފާރެއް ރޭނުނެވެ. އެ ދުވަސްވަރު އެ ތަނުގެ ވަށައިގެން ކަނޑުގެ ރާޅުތައް ބީއްސަމުން ދިޔަކަމަށް ބުނެވެއެވެ.
ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗުގީޒުން މާލެ ހިފައި، މާފަންނުގެ އުތުރު ފަރާތުގައި އެމީހުންގެ މަރުކަޒު ހެދިއެވެ. އެ މަރުކަޒަށް ދާން އޮންނަ މަގަށް ދާދި ފަހަކާ ޖެހެންދެންވެސް ކިޔައި އުޅުނީ 'އަނދިރި އަނދިރިން މަގު' އެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކަށް ޕޯޗުގީޒުންގެ އިސްވެރިން ފޮނުވައި ނުފޫޒު ފަތުރަން ފެށިއެވެ.
ޕޯޗުގީޒުން ރާއްޖޭގައި ވެރިކަންކުރި 15 އަހަރަކީ ދިވެހި ތާރީޚު ދުށް އެންމެ ބިރުވެރި އަދި ހިތްދަތި ދުވަސްވަރެވެ. ގިނަ އަދަދެއްގެ މުސްލިމުން ގަތުލުކޮށް، ދިވެހިންގެ ލެއިން ކަނޑުތައް ރަތްވެގެންދިޔަ މި އަނިޔާވެރިކަން ނިމުމަކަށް އައީ އެތައް އަހަރެއްގެ ވޭނަށްފަހުގައެވެ.
ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ޚާއްޞަވެފައިވަނީ ދިވެހި ތާރީޚުގައި މަޝްހޫރު އައްސުލްޠާން ޢަލީ (6 ވަނަ) ނުވަތަ ޢަލީ ރަސްގެފާނަށެވެ. އެމަނިކުފާނު ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި ހިޖުރައިން 965 ވަނަ އަހަރު (މީލާދީން 1558) ދެ މަހާއި ފަނަރަ ދުވަހު ހުންނެވިއެވެ. މި ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ދިވެހި ސަރުކާރުން ކަނޑައެޅުއްވީ، ޕޯޗުގީޒުންގެ އިސްތިޢުމާރާ ދެކޮޅަށް، އިސްލާމްދީނާއި ވަޠަނުގެ ޙައްޤުގައި ކުރެއްވި ހަނގުރާމައިގައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެއްގައި ކަމަށްވާތީއެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން 1، ނުވަތަ މީލާދީން 1558 ވަނަ އަހަރުގެ މޭ މަހުގެ 19 ވީ ހޯމަ ދުވަހެވެ.
މި ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޝަޢުބާން 1 ގައެވެ. އެއީ މީލާދީ ތާރީޚުން 14 ޖޫން 1980 ވީ ހޮނިހިރު ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި، ދިވެހިންގެ ދީނާއި ޤައުމިއްޔަތު ރައްކާތެރިކުރުމަށްޓަކައި ޤުރުބާންވި ބަޠަލުންގެ ހަނދާންތައް އާކޮށް އެބޭފުޅުންނަށް އިޙްތިރާމް އަދާކުރުމެވެ.
ބޭރުގެ އުދުވާންތަކުން ޤައުމު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޝަހީދުވި ބޭފުޅުންގެ ތެރޭގައި ޢަލީ ރަސްގެފާނުގެ އިތުރުން، ހިޖުރައިން 980 ގައި ޝަހީދުވި އުތީމު ޢަލީ ތަކުރުފާނާއި، ކަނބާ ޢައިޝާ ރަނިކިލެގެފާނާއި، ހިޖުރައިން 1017 ގައި ޝަހީދުވި އައްސުލްޠާން އިބްރާހީމް ކަލާފާނު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭފުޅުންވެސް މި ލިސްޓުގައި ހިމެނެއެވެ. ނޮވެންބަރު ތިނެއްގެ އެންމެ ފާހަގަކޮށްލެވޭ ބަޠަލަކީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ.
މި ލިޔުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށްފައިވަނީ ތިރީގައިވާ ވަސީލަތްތަކުން:
1981 ވަނަ އަހަރުގެ އޯގަސްޓް މަހު ނެރުނު ފަތްތޫރަ މަޖައްލާ އާއި، 1989 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަތްތޫރަ މަޖައްލާގެ އިތުރުން، 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޝާއިޢުކުރި އައްޑަނަ މަޖައްލާއިންނެވެ.
މީގެ އިތުރުން، އަލްއަމީރު މުޙައްމަދު އަމީން އެކުލަވައިލެއްވި 'ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު' މި ފޮތާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރަސްމީ ވެބްސައިޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!