އީރާނުގެ އެތެރޭގެ ކުށްވެރިންނަށްވުރެ ބައިނަލްއަގުވާމީ ކުށްވެރިން މާ ނުބައިކަމަށާއި، އެފަދަ ފަރާތްތަކަށް އެއްވެސް ދުލެއް ނުދެއްވާނެ ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އަޔާތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. އިއްޔެ ދެއްވި ތަޤުރީރެއްގައި ޚާމަނާއީ ވަނީ އީރާނުގައި ދާދިފަހުން ހިނގާދިޔަ ހަމަނުޖެހުންތަކުގެ ފަހަތުގައި އެމެރިކާގެ ސީދާ އަތެއްވާކަމަށް ތުހުމަތުކުރައްވާފައެވެ.
ޚާމަނާއީ ވިދާޅުވި ގޮތުގައި މިފަހަރުގެ ހަމަނުޖެހުންތައް ކުރީގެ ހާދިސާތަކާ ތަފާތުވަނީ، އެމެރިކާގެ ރައީސް އަމިއްލަފުޅަށް ސީދާ ގޮތުން މިކަމުގެ ތެރެއަށް ވަދެވަޑައިގެން ފިތުނަ އުފެއްދެވުމަށް މަސައްކަތް ކުރެއްވުމުންނެވެ. އެމެރިކާގެ ރައީސް ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ހިތްވަރުދެއްވައި، އެމެރިކާގެ އަސްކަރީ އަދި ސިޔާސީ ތާއީދު އެފަރާތްތަކަށް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއް
ހަމަނުޖެހުން ހިންގައި، މުދަލަށް ގެއްލުންދީ، މީހުން މެރުމުގެ އަމަލުތައް ހިންގި ގްރޫޕްތަކަކީ އީރާނުގެ ރައްޔިތުން ކަމަށް ސިފަކުރައްވައި، އެމެރިކާގެ ރައީސް ވަނީ އީރާނުގެ އުންމަތާ މެދު ބޮޑު އިތުރުފުޅެއް ހައްދަވާފައި ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. މި ހަރަކާތްތަކަކީ އީރާނުގެ ރައްޔިތުންގެ ދިފާއުގައި ކުރާ ކަމެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް، މިއީ ފާޅުކަން ބޮޑު ގޮތެއްގައި ހިންގާފައިވާ ޖަރީމާތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އެމެރިކާއާއި ޒަޔަނިސްޓް ރެޖީމުން މި ހަމަނުޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ހެކިތައް ހުރިކަން ފާހަގަކުރަމުން، ޚާމަނާއީ ވިދާޅުވީ އީރާނުގެ އުންމަތުން މި ފިތުނަވެރި ރޭވުންތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ. ތެހެރާނާއި އެހެނިހެން ސިޓީތަކުގައި މިލިއަނުން ރައްޔިތުން ނުކުމެ، ދައުލަތާ ދެކޮޅަށް ދައުވާތައް ކުރަމުންދިޔަ މީހުންގެ އަނގަމަތީގައި ވަރުގަދަ އެތިފަހަރެއް ޖަހާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާ ޖަވާބުދާރީ ކުރުވަން ޖެހޭ
ޚާމަނާއީ އިތުރަށް ވިދާޅުވީ، ފިތުނަ ނިއްވާލެވުނު ނަމަވެސް އެވަރުން އަދި ނުފުދޭ ކަމަށާއި، އެމެރިކާ މިކަމަށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.
"އަހަރެމެން ގައުމު ހަނގުރާމައަކާ ދިމާލަކަށް ނުގެންދަމެވެ. ނަމަވެސް، ގައުމުގެ އެތެރޭގެ ކުށްވެރިންނަށްވެސް އަހަރެމެން ދުލެއް ނުދޭނަމެވެ. އެތެރޭގެ ކުށްވެރިންނަށްވެސް ވުރެ ބައިނަލްއަގުވާމީ ކުށްވެރިން މާ ނުބަޔެވެ. އެމީހުންވެސް އަހަރެމެން ދުލެއް ނުކުރާނަމެވެ." ޚާމަނާއީ ވިދާޅުވިއެވެ.
އީރާނުގެ އިސް ލީޑަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މާތްﷲގެ ކާމިޔާބީއާއެކު އީރާނުގެ އުންމަތުން އެ ފިތުނައިގެ ބުރަކަށި ބިންދާލި ފަދައިން، ފިތުނަ އުފައްދާ މީހުންގެ ބުރަކަށިވެސް ބިންދާލަން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ. މި މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ހާއްސަ، ރަނގަޅު ގޮތްތަކުގެ މަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!