ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވެހިކަން" ޕްރޮގްރާމްގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު ހެނދުނު 09:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އެޕްރީލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ. ފްލެޓަށް އެދި ހުށަހަޅަންޖެހޭނީ https://boahiyaavahikan.housing.gov.mv/ ޕޯޓަލް މެދުވެރިކޮށެވެ.
މި ފަހަރުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއެކު، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޕްލިކޭޝަން މަރުޙަލާގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އަދަދު ވަނީ މަދުކޮށްފައެވެ. މިގޮތުން ހުށަހަޅަންޖެހޭނީ އިޢުލާނުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އެކަންޏެވެ. މީގެ އިތުރުން، ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވާ ތަފްޞީލުތައްވެސް މިހާރު ވަނީ ޢާންމުކޮށްފައެވެ.
ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއިން ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް މިއަދު ވަނީ ހުޅުވާލާފައެވެ. ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ. ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުންވެސް ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ ,އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުމަށް: 860-4004, 863-4004, 861-4004, 864-4004, 862-4004, 865-4004 ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ. އަދި hotline@infrastructure.gov.mv އަށް އީމެއިލް ކޮށްގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!