ކ. ވާދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި "ބަލްމާ 6" ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން މިހާތަނަށް ފެނިފައެއް ނުވެއެވެ.
ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެކެވެ. މި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!