އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރި މުއްދަތާއި ހަމައަށް 10،000 މެމްބަރުންގެ އަދަދު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

އީސީން ބުނީ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 25 ގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ.

Ad
rt

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ.

އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކާއި އެ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތައް ތިރީގައި މިވަނީއެވެ:

ޕީއެންސީ: 68،665 މެމްބަރުން
އެމްޑީޕީ: 43،765 މެމްބަރުން
ޖުމްހޫރީ ޕާޓީ (ޖޭޕީ): 13،456 މެމްބަރުން
އެމްޑީއޭ: 10،300 މެމްބަރުން

މި ލިސްޓުގައި މިދިޔަ އަހަރު ހިމެނުނު އަދާލަތު ޕާޓީ (އޭޕީ) މިފަހަރު ވަނީ މެމްބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން އުނިވެފައެވެ. އީސީން ހާމަކޮށްފައިވާގޮތުގައި ނޮވެމްބަރު 25 ގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 10،000 އަށްވުރެ ދަށްވެފައެވެ. އެ ތާރީޚާއި ހަމައަަށް އަދާލަތުގައި ތިބީ 8،844 މެމްބަރުންކަމަށް އީސީގެ ވެބްސައިޓުން ދައްކައެވެ.

އީސީގެ ވެބްސައިޓު ދައްކާގޮތުން ދިހަހާސް މެމްބަރުން ހަމަވާ ހަތަރު ޕާޓީގެ އާއި އަދާލަތުގެ އިތުރުން ދެން ދަފުތަރުގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގައި 9011 މެމްބަރުން، މޯލްޑިވްސް ނެޝަަނަލް ޕާޓީ (އެމްއެންޕީ)ގައި 5836 މެމްބަރުން، ދަ ޑިމޮކްރެޓިކްސްގައި 3547 މެމްބަރުން، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި 3046 މެމްބަރުން އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ގައި 1874 މެމްބަރުން އެބަތިއްބެވެ.