5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމުގެ މަޤުޞަދުގައި މިއަދު އެރަށުގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ވުޒާރާއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުން ކަމަށެވެ.

Ad
rt

މަދުން ފެންނަ ހައިވަކަރު ގަސްތައް އިތުރުކުރުން

މިއަދު ވިލިމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން 100 ދިވެހި ރުއް ވަނީ ވިލިމާލޭގެ ތިން ސަރަހައްދެއްގައި އިންދާފައެވެ. މީގެ އިތުރުން 100 އަށް ވުރެ ގިނަ ހައިވަކަރު ގަސްވެސް މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފައެވެ. ހައިވަކަރަކީ މިވަގުތު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިން ބުނީ، މި މަސައްކަތުގެ ސަބަބުން މިހާރު ރާއްޖޭގައި އެންމެ ގިނައިން ހައިވަކަރު ގަސް ހުރި ރަށަކަށް ވިލިމާލެ ވާނެ ކަމަށެވެ. މިގޮތަށް މަދުން ފެންނަ ގަސްތައް ގިނަކުރުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ތިމާވެށީގެ ދިރުންތައް ދެމެހެއްޓުމަށް ބާރުއަޅާ ކަމެކެވެ.

5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ރަސްމީކޮށް ފައްޓަވާދެއްވާފައިވަނީ 5 ޖޫން 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.