ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

Ad
rt

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް، ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވީ މި ދައުރުގެ މުއްދަތު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށެވެ.

މި ހުށަހެޅުން ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ ތެރެއިން، ދައުރު އިތުރުކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ދައުރު އިތުރުކުރަން ހުށަހެޅުއްވީ މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުން ކަމަށެވެ. މިގޮތަށް ދައުރު އިތުރުކުރުމުގެ ސަބަބުން، މަޖިލީހުގެ އެޖެންޑާގައި ހިމެނޭ މުހިންމު ބިލުތަކާއި ކަންކަން ނިންމުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެ އެވެ.