ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގައި ރިސޯޓް އެޅުމުގެ ކޮންސްޓްރަކްޝަން މަސައްކަތް އަލުން ފެށުމަށްޓަކައި، އެކި މަގާމުތަކަށް ދިވެހިން ހޯދަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އިއުލާނުކޮށްފި އެވެ.

މި އިއުލާނުގައި 13 މަގާމަކަށް ޖުމްލަ 20 މީހަކު ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. މި މަސައްކަތަކީ ދިގު މުއްދަތެއްގައި ހުއްޓިފައި އޮތް މަޝްރޫއެކެވެ.

Ad
rt

އެމްޓީޑީސީން ހޯދަން ބޭނުންވާ މަގާމުތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރާއި، ކޮންސްޓްރަކްޝަން މެނޭޖަރާއި، ޕްލޭނިން އިންޖީނިއަރާއި، ކުއެންޓިޓީ ސާވޭޔާ އާއި، ހަތަރު ސައިޓް އިންޖީނިއަރުންނާއި، އެޗްއެސްސީ އިންޖީނިއަރަކާއި، ޕްރޮކިއުމެންޓް އޮފިސަރަކާއި، ޕްރޮކިއުމެންޓް އެސިސްޓެންޓަކާއި، ޑޮކިއުމެންޓް ކޮންޓްރޯލަރަކާއި، ހަތަރު ސައިޓް ސުޕަވައިޒަރުންނާއި، އެމްއީޕީ ކޯޑިނޭޓަރުން، އަދި ދެ ޑްރާފްޓް ޕާސަން ހިމެނެ އެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އެމްޓީޑީސީގެ އީ-މެއިލް hr@mtdc.com.mv އަށް ސީވީ އާއި ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވުމަށް އެދިފައިވެ އެވެ.

ނާގޯށީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީޑީސީއަށް ހަވާލުކުރީ 2006 ވަނަ އަހަރު އެވެ. އެއަށްފަހު، ރަޝިއާގެ ކުންފުންޏަކަށް ސަބްލީޒްކުރެވުނު ނަމަވެސް، 2012 ވަނަ އަހަރު ދިމާވި މާލީ ހާލަތަކާ ގުޅިގެން އެ މަސައްކަތް ހުއްޓުނެވެ. 2017 ގައި ރަށް އެމްޓީޑީސީގެ އަތުން ނެގުމަށްފަހު، 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދެވުނެވެ. ނަމަވެސް ތިން އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ނުކުރެވުމުން އެ އެގްރިމެންޓް ވަނީ އުވާލާފަ އެވެ.

މިދިޔަ އޯގަސްޓް މަހު ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ނާގޯއްޓަށް ވަޑައިގެން، އެ ރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް ނިންމައި އަންނަ އަހަރު ހުޅުވާނެ ކަމަށް ވަނީ އިއުލާންކުރައްވާފަ އެވެ. އެމްޓީޑީސީން ބުނެފައިވާ ގޮތުގައި، މިހާރު ނާގޯށީގެ 33 އިންސައްތަ މަސައްކަތް ނިމިފައިވެ އެވެ. އަދި، ކުރިއަށް އޮތް މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވެފައިވާ ގޮތުގައި، ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރީގެ މަސައްކަތް ނިންމާނެ އެވެ. އޭގެ ތެރޭގައި 100 ވޯޓަރ ވިލާ އާއި 83 ބީޗް ވިލާ ހިމެނެ އެވެ. ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް 37 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެމްޓީޑީސީން ލަފާކުރެ އެވެ. އަދި، މިހާރު ކޮށްފައިހުރި މަސައްކަތްތަކަށް 15 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އެމްޓީޑީސީގެ އުއްމީދަކީ އަންނަ އަހަރުގެ ފަހުކޮޅު ނާގޯށީގެ އޮޕަރޭޝަންތައް ފެށުމެވެ. މި މަޝްރޫއު ނިމޭއިރު، އެކަނި 600 ވަޒީފާ އުފެދޭނެ ކަމަށް ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.