ރާއްޖޭގެ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާ ދެނީ ނުބައިނުލަފާ ލާދީނީ ބަޔަކު ރާވައިގެން ހިންގާ ކަމެއްކަމާއި މެދު ވަރަށް ބޮޑަށް ޝައްކު ކުރެވޭކަމަށް، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ވިދާޅުވެއްޖެ އެވެ.
ޝައިޙް މިފަދަ ތުޙުމަތެއް ކުރައްވާފައިވަނީ ދާދި ފަހުން ރާއްޖޭގެ މިސްކިތްތަކަށް އަމާޒުކޮށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝައިޚް އާދަމް ނިޝާން ވިދާޅުވީ، "ދައުލަތަށް މިފަދަ ނުބައިވެގެންވާ ޢަމަލުތައް ނުހުއްޓުވޭނަމަ، އަދި މިފަދަ ކަންކަން ކުރާ މީހުން ހިފާ ހައްޔަރު ނުކުރެވޭ ނަމަ، އެކަން ކުރަން ދެން ނިކުންނަން ޖެހޭނީ އަޅުގަނޑުމެން މުސްލިމު ރައްޔިތުންނަށް" ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ޙުރުމަތާ އަޅާކިޔައި ސަލާމަތީ މުއައްސަސާތަކުގެ ސަމާލުކަން މި މައްސަލައަށް ދިނުމަށް ގޮވާލައްވާފައެވެ. މިފަދަ ކަންކަން ކުރި ބަޔަކު ވަގުތުން ވަގުތަށް ހޯދައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.
މިސްކިތްތަކަށް ހަމަލާ ދިނުމުގެ ސިލްސިލާގެ އެންމެ ފަހުގެ ހާދިސާތަކުގެ ތެރޭގައި މާލޭގެ ޠަޢިބާ މިސްކިތާއި އައްޑޫ ސިޓީގެ މަސްޖިދުލް ޢުމަރުލް ފާރޫޤު މިސްކިތަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މާލޭގައި ހުންނަ ޠަޢިބާ މިސްކިތުގެ ތިރީބައިގެ ކުޑަދޮރުގެ ބިއްލޫރިތައް މިއަދު ހެނދުނު ވަނީ ތަޅާލާފައެވެ. މިކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުން އަދި އެކަންކަށަވަރުކޮށެއް ނުދެއެވެ. މިކަމާ ގުޅިގެން މީސްމީޑިއާގައި މައުލޫމާތު ހިއްސާކުރަމުން އަޙްމަދު މުނައްވަރު ވިދާޅުވެފައިވަނީ، "އެކަންކުރި މީހާ އެތަނުން ހައްޔަރު ކުރެވުނު. ބޯހަމަޖެހޭ ސޮރެއްތޯ ބަލާނީ ދޯ. ޢާންމުކޮށް މިކަހަލަ ކަންކަން ކުރާ މީހުން ބޯހަމަނުޖެހެޔޭ ކިޔާތީ އިވޭ" ކަމަށެވެ.
މީގެ އިތުރުން، އިއްޔެ ހަވީރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މަސްޖިދުލް ޢުމަރުލް ފާރޫޤު މިސްކިތަށް ވެސް ވަނީ ގެއްލުން ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މިސްކިތުގެ ތެރޭގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލާފައިވާއިރު، ފަންކާއަށް ގެއްލުންދީ ހަލާކުކޮށްލާފައިވެއެވެ. އަދި ކަރަންޓު ބޯޑަށް ވެސް ބައެއް ގެއްލުންތައް ދީފައިވެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 17:40 ގައެވެ. މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
މި މައްސަލަތައް އިތުރުވުމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލަ ބަލައި ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. މި އިސްލާމީ މުޖުތަމަޢުގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މިސްކިތްތަކަށް ގެއްލުންދިނުމާއި ވައްކަންކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.
މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތައްކަމަށާއި މި އިސްލާމީ މުޖުތަމަޢުގައި މިފަދަ ކަންކަން ކުރާ ފަރާތްތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!