ކަންނެލި މަސްވެރިކަން ތަރައްގީކޮށް، މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލެއިން އެކަމަށް ކަނޑައަޅާފައިވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މި ބިން ޙަވާލުކުރުމަށްޓަކައި މިއަދު އެޗް.ޑީ.ސީގައި ބޭއްވުނު ރަސްމިއްޔާތުގައި، ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް އެވެ. ފިޝަރީޒް އެން އޯޝަން ރިސޯސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
ފިޝަރީޒް އެން އޯޝަން ރިސޯސް މިނިސްޓްރީން ފާހަގަކުރަށްވާގޮތުގައި މި މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަސްވެރިންގެ އާމްދަނީ ރަނގަޅުކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ޙަޤީޤަތަކަށް ހެއްދެވުމުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ. ކަންނެލި މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، ދިވެހި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ.
މި ބިމުގައި ކަންނެލި މަސްވެރިކަމަށް ޚާއްޞަ ފެސިލިޓީ ގާއިމްކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ފަންޑުގެ ދަށުންނެވެ. މި ފެސިލިޓީގެ ސަބަބުން، ކަންނެލި މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، މަސްވެރިންގެ ތަކަންތަކަށް ދިމާވާ ގޮންޖެހުންތައް ކުޑަވެ، އިތުރު ގަނޑުފެން ލިބުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް ބެލެވެއެވެ.
މިއީ ދިވެހި މަސްވެރިކަމަށް، ހާއްސަކޮށް ކަންނެލި މަސްވެރިކަމަށް، ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!