މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ ޑރ. އިސްމާޢީލް މެންކްގެ މޫނާއި އަޑު ބޭނުންކޮށްގެން އުފައްދާ އޭއައި ކޮންޓެންޓްތަކާ މެދު ސަމާލުވުމަށް އެދެފިއެވެ.
މި ކޮންޓެންޓްތަކުގައި މުފްތީ މެންކް ދުވަހަކުވެސް ވާހަކަ ނުދައްކަވާ ސިޔާސީ އަދި މަޒުހަބީ މައްސަލަތަކާ ގުޅޭ ވާހަކަތައް ހިމެނެއެވެ.
ހަމައެކަނި އެކްސް (ކުރީގެ ޓުވިޓަރ) ގައި އެކަނިވެސް 10 މިލިއަން ފޮލޯވަރުން ތިބި މުފްތީ މެންކް ވަނީ އޭނާގެ ވެރިފައިޑް އެކްސް އެކައުންޓުން މިކަމާ ގުޅޭ ބަޔާނެއް ނެރުއްވާފައެވެ. "އަޅުގަނޑުގެ މޫނާއި އަޑު އަދި ނަން ބޭނުންކޮށްގެން އޭއައި މެދުވެރިކޮށް އުފައްދާ ކޮންޓެންޓްތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ. މިއީ އަޅުގަނޑު ނޫންކަން ސަމާލުކަމަށް ގެންނަން. އަޅުގަނޑުގެ ވެރިފައިޑް ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ނެތް އެއްވެސް ކޮންޓެންޓަކަށް ޔަގީންކަމެއް ނުދެވޭނެ،" މިފަދައިން އެމަނިކުފާނު ވިދާޅުވިއެވެ.
އޭއައި މެދުވެރިކޮށް އުފައްދާފައިވާ ޑީޕްފޭކް މި ކޮންޓެންޓްތަކަށް އެމަނިކުފާނު ޒިންމާ ނުނަގާނެކަމަށް ވިދާޅުވެ، އެފަދަ ކޮންޓެންޓްތައް ފެނިއްޖެނަމަ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ޗެކްކުރުމަށްފަހު މެނުވީ ޝެއަރނުކުރުމަށް އާންމުންނަށް އިލްތިމާސް ކުރައްވާފައިވެއެވެ. މިއަހަރުގެ ޖުލައިމަހުވެސް މިފަދަ ކޮންޓެންޓުތައް އިތުރުވެ ސަމާލުވުމަށްވަނީ އެދިފައެވެ.
FRAUD ALERT
There is an increase in AI generated content online using my face, voice and name addressing political and sectarian issues that I do not discuss. Beware this is NOT me. I cannot guarantee any content that is not on my verified social media accounts and I cannot be…— Mufti Menk (@muftimenk) October 15, 2025
ޒަމާނީ ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން މަޝްހޫރު ފަރާތްތަކުގެ ސިފައިގައި އެބައިމީހުން ދުވަހަކުވެސް ނުދައްކާ ވާހަކަތައް ހިމެނޭ ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓް އުފެއްދުމަކީ މިހާރު ވަރަށް ފަސޭހަކަމަކަށް ވެފައިވެއެވެ. މުޖުތަމަޢުގައި ނުފޫޒު ފޯރުވޭ ފަރާތްތަކަށްވުމާއެކު، ދީނީ ޢިލްމުވެރިން ވަނީ މިފަދަ މެނިޕިއުލޭޝަންގެ ޚާއްޞަ ޓާގެޓަކަށް ވެފައެވެ.
ދީނީ ޢިލްމުވެރިންގެ ނަމުގައި ދޮގު މަޢުލޫމާތު ފަތުރައި، މުޖުތަމަޢުގައި ބައިބައިވުން އުފެއްދުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާ ގުޅިގެން މިކަމާމެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
މުފްތީ މެންކަކީ ދިވެހިން ވަރަށް ބޮޑު އިޙްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. 2022 ވަނަ އަހަރުގެ ތެރޭގައި މެންކް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި މަޢުލޫއަށް ދަރުސްތަކެއް ދެއްވާފައެވެ. މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމަޢުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!