ހދ. ނޭކުރެންދޫއަށް ނިސްބަތްވާ މުއްތަލިބުގެ "ނަސްރު ބޯޓު" މާލެއިން ފުރައިގެން އުތުރަށް ދަތުރުކުރަމުން ދަނިކޮށް ދިމާވި ހިތާމަވެރި ހާދިސާއަކުން އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި ބޯޓުގައި ތިބި 5 މީހުން (2 ދިވެހިންނާއި 3 ބިދޭސީން) ސިފައިންގެ އެހީތެރިކަމާއެކު ސަލާމަތްކުރެވުނު ނަމަވެސް، ބޯޓުގައި ހދ. އަތޮޅުގެ އެކި ރަށްރަށުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެރުވި ގިނަ އަދަދެއްގެ މުދާ ވަނީ ކަނޑުވެ ގެއްލިގެން ގޮސްފައެވެ.

އިއްޔެ މާލެއިން ފުރި "ނަސްރު ބޯޓު" ގެ ދަތުރު ރޭވިފައިވަނީ ފުރަތަމަ ޅ. ނައިފަރާއި ނ. ފޮއްދޫއަށް ގޮސް، އޭގެފަހުން ހދ. ކުމުންދޫ، ހދ. ނޭކުރެން، ހދ. ވައިކަރަދޫ އަދި ހދ. ކުރިނބީއަށް ދިއުމަށެވެ. ކުރިން ހދ. ނެއްލައިދޫއަށް ދަތުރުކުރި ނަމަވެސް، މިފަހަރުގެ ދަތުރުގައި އެރަށް ހިމެނިފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރިނބީއަށް ދާތީ ނެއްލައިދޫގެ ބައެއް ރައްޔިތުންގެ މުދާވެސް އެބޯޓުގައި ހުރިކަމަށް އެނގިފައިވެއެވެ.

Ad
rt

"އެބޯޓުގައި 6 ސައިކަލު ހުރިކަމަށް މަޢުލޫމާތު ލިބޭ، އޭގެ އަގުވެސް 8 ލައްކައަށްވުރެއް ބޮޑުވާނެ، އަދި ކޮބާ ކާޑާއި ގޭހާއި އާންމުން އެރުވި މުދާ، ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ވިޔަފާރިތަކަށް ލިބިގެންދާނެ، އެގޮތުން، އެރަށްރަށުގެ ވިޔަފާރިވެރިންގެ މުދަލާއި ކޮންސްޓަރަކްޝަން މަަސައްކަތް ކުރާ ގުރޫޕްތަކުގެ މުދާވެސް ހުރިކަމަށް މަޢުލޫމާތު ލިބޭ"

"ތިލަދުން" އާއި ވާހަކަދައްކަމުން މަޢުލޫމާތު އިނގޭ އާންމުންގެ މީހަކު ބުނެފައިވެއެވެ.

މިނޫހަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވަނީ، ނޭކުރެންދޫ އަށް ގެންދިއުމަށް އެންމެ ގިނަ މުދާއެރުވި މީހާ ވެސް އެއްލައްކަ އައްޑި ހާސް ރުފިޔާގެ މުދާ ބަރުކޮށްފައިވާކަމަށެވެ. މީގެ އިތުރުން، ހަމައެކަނި ކުރިނބީގެ އެއް ފަރާތަކަށް 260,000 ރުފިޔާގެ ގެއްލުން ވެފައިވާއިރު، އެރަށުގެ ފިހާރަތަކަށް ޖުމްލަ 400,000 އިން 700,000 ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވެފައިވާ ކަމަށް ލަފާކުރެވޭކަމަށް ކުރިނބީގެ ޒުވާން ވިޔަފާރިވެރިޔާ އަލީ އުވައިޝް މީސްމިޑިއާގައި ކުރި ކޮމެންޓެއްގައި ބުނެފައިވެއެވެ.

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް މީސްމިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ބޯޓުގެ ވެރިފަރާތަށާއި، ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ލިބުނު ނުހަނު ބޮޑު ގެއްލުމެއް ކަމަށެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ލިބިފައިވަނީ މާލީ ގެއްލުމުގެ އިތުރުން ނަފްސާނީ ގެއްލުންވެސް ފާހަގަކުރައްވާފައިވެއެވެ.

މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓަށް ދިޔަވާން ފެށުމުން ސިފައިން ވަނީ އެ ބޯޓުގައި ތިބި ފަސް މީހުން ސަލާމަތްކޮށްފައެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. ބައެއް ފަޅުވެރިންނަށް ނައިފަރު ހޮސްޕިޓަލުގައި ފަރުވާދިންކަމުގެ މަޢުލޫމާތު ލިބިފައިއެވެ.

ފުލުހުން ބުނިގޮތުގައި މި ބޯޓު ވަނީ އިއްޔެ މެންދުރު 13:22 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު އަޑިއަށް ދިޔައީ ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލު ސަރަހައްދަށް ކަމަށެވެ.

މި ހާދިސާގައި ނަސްރު ބޯޓު ދިޔަވެގެން އަޑިއަށް ގޮސް ބައެއް ތަކެތި އޮޔާދާތީވެ ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ވައިކަރަދޫ އާދަމް ވަހީދު މީސްމީޑިއާގައި މިކަމާއި ގުޅިގެން ފާހަގަކުރައްވާފައިވާ ހިޔާލެއްގައި ބުނެފައިވަނީ މިފަދަ ހާދިސާތަކުގައި ސަރުކާރުގެ އެހީތެރިކަން ބޯޓުގެ ވެރިންނަށާއި މާލީގޮތުން ގެއްލުންވި އާންމުންނަށް ކޮންމެހެން ބޭނުންވާކަމަށެވެ.

މި ހިތާމަވެރި ހާދިސާގެ ސަބަބުން އާންމުންނަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑެވެ. މި ގެއްލުމުގެ ޖުމްލަ އަދަދު 2.5 މިލިއަން ނުވަތަ 3 މިލިއަން އަށް ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުން ގެއްލުންތަކުގެ ތަފްސީލް އެއްކުރަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާއިރު ސިދާ ތަފްސީލް މިނޫހަށް ލިބިފައެއް ނުވެއެވެ.

މި ހާދިސާއިން ލިބުނު ގެއްލުމަކީ ހަމައެކަނި މާލީ ގެއްލުމެއް ނޫނެވެ. އުތުރުގެ ރަށްތަކަށް މުދާ އުފުލުމުގެ ދަތިކަން އިތުރަށް ބޮޑުވެ، ވިޔަފާރިތަކަށް ދިގު މުއްދަތެއްގެ އަސަރުތަކެއް ކުރާނެ ކަމެކެވެ. މި ހިތާމަވެރި ހާދިސާއަކީ އުތުރުގެ ރަށްތަކުގެ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލޮޅުމެކެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމާއި، ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެކެވެ.