މެދުއިރުމަތީ ސަރަހައްދުގައި އިސްރޭލު ރައްކާތެރިކުރުމަށްޓަކައި އެމެރިކާއިން އިތުރު ހަނގުރާމަވެރި މަތިންދާބޯޓުތަކާއި ތެޔޮ އަޅާ ޓޭންކަރުތައް އެ ސަރަހައްދަށް ފޮނުވަމުންދާކަމަށް އެމެރިކާގެ ސަރުކާރުގެ އިސް ވެރިން މަޢުލޫމާތު ދީފިއެވެ.
އިރާނާއި ދެކޮޅަށް އަނެއްކާވެސް ހަނގުރާމައެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އަޑުފެތުރިފައިވާ މިދަނޑިވަޅުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކަކީ، ހަނގުރާމައެއް ފެށިއްޖެ ނަމަ އިސްރޭލު އީރާނުގެ ހަމަލާތަކުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކެއްކަމަށް އަޑުފެތުރިފައިވެއެވެ.
ޔޫރަޕުގައި ހުރި އެމެރިކާގެ އެކި އެއަރބޭސްތަކުން، އެގޮތުން އިނގިރޭސިވިލާތުގެ ލޭކެންހީތު، ޖަރުމަނުވިލާތުގެ ސްޕޭންގްޑަހްލަމް އަދި އިޓަލީވިލާތުގެ އަވިއާނޯ އެއަރބޭސްތަކުން އެފް-15އީ، އެފް-35 އަދި އެފް-16 ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތައް މެދުއިރުމަތީ ސަރަހައްދާ ދިމާއަށް ފުރާފައިވެއެވެ.
މި ހަރަކާތްތައް ހިންގަމުންދަނީ އެމެރިކާއިން އިސްރޭލާއެކު ގުޅިގެން އީރާނުގެ މިސައިލް އަދި ނިއުކްލިއަރ ތަންތަނަށް ހަމަލާ ދޭން ތައްޔާރުވަމުންދާކަމުގެ ކަންބޮޑުވުންތައް އުފެދިފައިވަނިކޮށެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ "އީރާނަށް ނިއުކްލިއަރ ހަތިޔާރު ނުލިބޭނެ" ކަމަށާއި، "އެންމެން ވެސް ވަގުތުން ޓެހުރާނުން ފުރައިގެން ދާންވާނެ" ކަމަށެވެ.
ޕެންޓަގަނުން އިތުރު އެއަރ އަދި ނޭވަލް ބާރުތައް މި ސަރަހައްދަށް ފޮނުވަމުންދަނީ ޓްރަމްޕް އިދާރާއިން އީރާނަށް ހަމަލާދިނުމުގެ ބިރުދެއްކުންތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެއްޖެނަމަ، މި ސަރަހައްދުގައި ހުރި ގިނަ އިންސްޓޮލޭޝަންތަކާއި އުޅަނދުތަކަށް ނުރައްކާވެދާނެ ކަމަށް ބެލެވެއެވެ.

ކުރިމަގުގައި އިތުރު ހަނގުރާމައެއް ހިނގުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ނިއުކްލިއަރ ކަންބޮޑުވުންތައް އައު ގޮތަކަށް އުފެދުމާއި ދެފަރާތުން އަސްކަރީ ބާރު އިތުރުކުރުން ހިމެނެއެވެ. ސަރަހައްދީ ހަމަޖެހުން ގެއްލި އިތުރަށް ގޯސްވުމާއި އެމެރިކާގެ ސިޔާސަތަށް އައި ބަދަލު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އިގްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މިވަގުތު ހަނގުރާމަ ހުއްޓިފައި އޮތް ނަމަވެސް، މައްސަލަތަކުގެ އަސްލު ހައްލުވެފައެއް ނުވެއެވެ. ޑިޕްލޮމަސީ ނާކާމިޔާބުވުމާއެކު، އިތުރު ގެއްލުންތަކެއް ލިބިދާނެ ދިގު މުއްދަތެއްގެ ހަނގުރާމައެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިއަހަރުގެ ޖޫން 13 ގައި އިސްރާއީލުން އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ މަރުކަޒުތަކަށް ކުއްލި ހަމަލާއެއް ދިނުމާއެކު ދެ ގައުމުގެ ހަނގުރާމަ ފެށުނެވެ. ޖޫން 22 ގައި އެމެރިކާއިން ސީދާ މެދުވެރިވެ، އީރާނުގެ ތިން ނިއުކްލިއަރ މަރުކަޒަކަށް ބަންކަރ ބަސްޓަރ ބޮންތަކުން ހަމަލާދިނެވެ. މީގެ ރައްދުގައި ޖޫން 23 ގައި އީރާނުން ގަތަރުގައި ހުރި އެމެރިކާގެ އެއަރބޭސްއަކަށް ހަމަލާދިނެވެ. 12 ދުވަހުގެ ހަނގުރާމައަށްފަހު، އެމެރިކާގެ ބާރުގެ ދަށުން ހަނގުރާމަ ހުއްޓާލެވުނު ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ހުރި ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ.
ސެޕްޓެމްބަރުގައި އީރާނުން ނިއުކްލިއަރ އެއްބަސްވުންތަކާ ޚިލާފުވުމުގެ ސަބަބުން އ.ދ.ގެ ފިޔަވަޅުތައް އަލުން އަޅަން ފެށިއެވެ. މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން އެ ގައުމުގެ މަސްލަހަތުތަކާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް "ހަރުކަށި އަދި އެކަށީގެންވާ" ޖަވާބެއް ދޭނެކަމަށް އިންޒާރުދިނެވެ.
އެމެރިކާއިން އެ ސަރަހައްދުގައި ބަހައްޓާފައިވާ 10 އެއަރބޭސްގެ ތެރޭގައި ބަހްރެއިން، ކުވެއިތު، ޤަތަރު އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި ހުރި މައި އިންސްޓޮލޭޝަންތަކާއި، ޖޯޑަން އަދި ސީރިއާގައި ހުރި ކުދި އައުޓްޕޯސްޓްތައް ހިމެނެއެވެ. އިރާގުގައި 2,500 އަދި ސީރިއާގައި 1,500 އެމެރިކާ ސިފައިން ތިބިއިރު، މިއީ މައިގަނޑު ގޮތެއްގައި އައިސިސްއާ ދެކޮޅަށް ހިންގާ އޮޕަރޭޝަން އިންހެރެންޓް ރިޒޯލްވްގެ ބައެއްގެ ގޮތުގައި ތިބި ސިފައިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!