ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ސަރަޙައްދުގައި އެންމެހައި އިންޖީނުލީ އުޅަނދުތައް ދުއްވުން މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަޙައްދުގައި މޫދަށް އެރި ކުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މުރަކަ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި، މި ޗެނަލް ސަރަޙައްދަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭގޮތުން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ތަނެކެވެ. 50 މީޓަރުގެ ފުޅާމިނާއި 1.85 މީޓަރުގެ ފުންމިން ހުންނަ މި ޗެނަލަކީ އޮއިދެމޭ ގޮތަށް ޑިޒައިންކޮށްފައިވާ ތަނެއްކަމާއި، މޫދަށް އެރުމުގެ އިތުރުން މަސްބޭނުމާއި އެކި އެކްސްކަރޝަން ހަރަކާތްތަކަށް ރައްޔިތުން އާންމުކޮށް ބޭނުންކުރަމުން އަންނަ މުހިންމު ސަރަޙައްދެކެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި ސަރަޙައްދަކީ ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދައި އާލާކުރުމަށް ޚާއްޞަކޮށްފައިވާ ތަނެކެވެ. އެހެންކަމުން، މި ސަރަޙައްދުގެ މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެޗްޑީސީގެ އިސް އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!