ވ.އަތޮޅު (ފެލިދެއަތޮޅު) ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު ބާރަ ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މިއަދު ފުލިދޫ އަށް ވަަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެއީ ރައްޔިތުން ބޭނުންވާ ކަމެއްކަން ކައުންސިލް މެދުވެރިކޮށް ލިޔުމުން އަންގަން ޖެހޭނެކަމަށެވެ. އެހެން ރަށެއްގައި ރައްޔިތުން ބޭނުންނުވެގެން ބިންހިއްކުން ހުއްޓާލަން ޖެހުނުކަން ފާހަގަކުރައްވައި، ފުލިދޫގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މޫދާއި ފަޅުގެ ރީތިކަން ދަމަހައްޓަން ޖެހޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ނިންމުން ލިބުމާއެކު، ބިންހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް ރާވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ފުލިދޫގެ އިޤްތިޞާދީ ތަރައްޤީއަށް އިތުރު ކުރިއެރުމެއްގެ ގޮތުން، އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ފެލިދޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓައިދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވެއެވެ.

ޞިއްޙީ ދާއިރާއަށް ބަލާއިރު، ފުލިދޫ ޞިއްޙީ މަރުކަޒުގައި 20 އެނދު ހުންނާނެ ގޮތަށް ވަސީލަތްތައް އިތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން މި އަހަރު ފުޓްސަލް ދަނޑެއްގެ މަސައްކަތް ފެށޭނެކަމަށާއި، ވޮލީ ކޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައިވެސް ސޮއިކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެށުމާއި، ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ އިތުރުން، ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ބާއްވާފަވެއެވެ.