އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނާ ދެކޮޅަށް ޚަބަރު ގެނެސްދޭ ޓެލެވިޜަން ނެޓްވޯކްތަކަށް ފާޅުގައި އިންޒާރު ދެއްވައިފިއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ ނެޓްވޯކްތައް ތިބީ އެމަނިކުފާނާ ދެކޮޅަށް ކަމަށާއި، އެމީހުންގެ ބްރޯޑްކާސްޓިންގ ލައިސަންސްތައް ބާތިލުކުރަންޖެހިދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ، ކޮންސަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކްގެ މަރާ ގުޅޭގޮތުން ކޮމީޑިއަން ޖިމީ ކިމަލް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭބީސީ ނެޓްވޯކުން އޭނާ ސަސްޕެންޑްކުރުމަށްފަހުގައެވެ.
ބްރިޓެއިނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު އެނބުރި އެމެރިކާއަށް ވަޑައިގަންނަވަމުން އެއަރ ފޯސް ވަން މަތީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އޭނާއާއި ބެހޭގޮތުން ގެނެސްދޭ 97 އިންސައްތަ ކަވަރޭޖަކީ ނެގެޓިވް ކަވަރޭޖްކަމަށެވެ. މި ނެގެޓިވް ކަވަރޭޖާއެކު ވެސް ފާއިތުވި އިންތިޚާބުގައި މުހިންމު ހުރިހާ ސްޓޭޓެއްގެ އަޣުލަބިއްޔަތު ވޯޓު ހޯއްދެވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއަށްފަހު ވަނީ ޓީވީ ސްޓޭޝަންތަކަށް އިންޒާރު ދެއްވާފައެވެ.
"އަހަރެންނާ ބެހޭގޮތުން ގެނެސްދޭ 97 އިންސައްތަ ކަވަރޭޖަކީ ނެގެޓިވް ކަވަރޭޖްކަމަށް އަހަރެން ކިޔާލައިފިން. އެހެންނަމަވެސް ފާއިތުވި އިންތިޚާބުގައި މުހިންމު ހުރިހާ ސްޓޭޓެއް އަހަރެން ކާމިޔާބުކުރިން. މި ނެޓްވޯކްތަކުގެ ލައިސަންސްތައް އެބަހުރި، ފަހަރެއްގައި އެ ލައިސަންސްތައް އަތުލަން (ބާތިލުކުރަން) ޖެހިދާނެ." ޓްރަމްޕް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ މީޑިއާއިން އޭނާ އާއި ދެކޮޅަށް ބަދުނާމުކޮށް ނަފްރަތު ފަތުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.
ޖިމީ ކިމަލް ސަސްޕެންޑްކުރެވުނީ ޗާލީ ކާކްގެ މަރާ ގުޅޭގޮތުން އޭނާ ދެއްކި މޮނޮލޮގެއްގައި، ކާކްގެ މަރުގެ ޝައްކުކުރެވޭ މީހާއަކީ ޓްރަމްޕްގެ ތާއީދުކުރާ މީހެއް ކަމަށް ހުށަހެޅުމަށްފަހުގައެވެ. ނަމަވެސް ޔޫޓާގެ އޮތޯރިޓީތަކުން ވަނީ ޝައްކުކުރެވޭ މީހާއަކީ ވައަތު ފިކުރުގެ އައިޑިއޮލޮޖީއަށް އަހުލުވެރިވެފައިވާ މީހެއް ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ކޮންސަވޭޓިވް ކޭމްޕުގައި ވަނީ ބޮޑު ރުޅިވެރިކަމެއް އުފެދިފައެވެ.
ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ އިސްވެރިޔާ ބްރެންޑަން ކާރ ވަގުތުން މިކަމަށް ރައްދު ދެއްވިއެވެ. ކާރ ވިދާޅުވީ ކިމަލްގެ އަމަލަކީ "ނުރަނގަޅު އަމަލެއް" ކަމަށާއި، އޭބީސީއަށް މިކަމުގެ ނަތީޖާއެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ޓެލެވިޜަން ސްޓޭޝަންތަކުން "ވަކި ފިޔަވަޅުތަކެއް އަޅަން" ޖެހޭނެ ކަމަށާއި، ނޫނީ އެފްސީސީގެ ރެގިއުލޭޓަރީ އިންޓަވެންޝަނަކަށް ތައްޔާރުވާން ޖެހޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ރައީސް ޓްރަމްޕް ވަނީ ކިމަލްގެ ޝޯ ދެއްކުން ހުއްޓާލި ނެކްސްޓާރ ނެޓްވޯކަށް ތަޢުރީފުކުރައްވާފައެވެ. މިއީ އެމެރިކާގެ މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ބޮޑެތި ސުވާލުތަކެއް އުފައްދަމުން އަންނަކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!