ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ ގޭތެރޭގެ މާޙައުލުން ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ނައްތާލައި، އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި ޢާއިލާ ބައްޓަންކުރުމުންކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ރަނގަޅު ޢާއިލާއެއް ބިނާކުރުން" މައުޟޫއަށް ޚާއްސަކުރެވިފައިވާ މި ޚުޠުބާގައި ވަނީ ޢާއިލާއަކީ ދުނިޔަވީ ޙަޔާތުގެ މުޑުވައް ކަމަށާއި، މުޖުތަމަޢުގެ ހަމަޖެހުމަށް ޢާއިލާގެ ދައުރު މުހިންމުކަން ފާހަގަކޮށްފައެވެ.

Ad
rt

މިއަދުގެ ޚުޠުބާގައި ބުނެފައިވާ ގޮތުގައި، اللّٰه تَعَالَى ދެއްވި މި ބޮޑު ނިޢުމަތުގެ ފޮނި މޭވާއަކީ ޒަވާޖީ ޙަޔާތުގެ ގުޅުމުން ވުޖޫދުވާ ޢާއިލާއެވެ. ޢާއިލާ ބަލިކަށިވެއްޖެނަމަ ދިރިއުޅުމުގެ ނިޒާމު ހަލާކުވެ، މުޖުތަމަޢުން އިންސާނިއްޔަތުކަން ނެތިދާނެކަމަށް ޚުޠުބާގައި ވަނީ އިންޒާރު ދީފައެވެ. ޢާއިލާއަކީ ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ އަދި އިޖުތިމާޢީ ހިޔާވަހިކަމެއް ކަމަށާއި، ހަރުދަނާ ޢާއިލާއެއް ބިނާކުރުމަކީ މާތް ﷲ ދެއްވި މި ބޮޑު ނިޢުމަތަށް ޝުކުރުކުރުމަށް އެޅޭ ފުރަތަމަ ބިންގަލެވެ.

ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެން ކަމަށް ޚުޠުބާގައި ބުނެފަވެއެވެ. އަދި އެފަދަ ޢާއިލާއެއް ބިނާ ކުރެވޭނީ ޢާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުޙީދާއި، ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ ޢިލްމު އުނގެނި އެއަށް ޢަމަލުކުރާ، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށްވެ، ދެމަފިރީންގެ ކިބައިން ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކައިގެން ހުތުބާގައި ބުނެފަވެއެވެ.

ފަސާދަޔާއި މަގުފުރެދުމާއި، ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށް ޓަކައި ހަރުދަނާ ޢަޤީދާގެ މަތީގައި ދަރީން ތަރުބިޔަތުކުރާން ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށް ޓަކައި ހުޅުވޭނެ އަމާން ދޮރެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. ޢަޤީދާގެ ޢިލްމު ދަރީންނަށް އުނގަންނައިދިނުމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ އިސް ވާޖިބުކަމުގައި ހައްދަވައިފައިވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ވަނީ ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެން ކަމަށް ބުނެފައެވެ. އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން ޢާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

''ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެންނެވެ. އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން ޢާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެއެވެ.'' -ހުކުރު ހުތުބާ-

މީގެ އިތުރުން ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ ދަރީން ފުރާވަރަށް އެރުމުން ހުރިހައި ކަމެއް ހުއްދަވީކަމަށް ހީކުރާ ހީކުރުންތައް ދޫކޮށްލައިގެން ކަމަށާއި، އުޅޭނެހައި ގޮތަކަށް އުޅޭން ދަރީން ދޫކޮށްނުލައި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ އިމުން ބޭރުނުވެ، ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރުމަށް ދަރީންނަށް އިރުޝާދުދީގެންކަމަށް ވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ އިސްލާމީ އުޞޫލުތަކުގެ މަތީގައި ޢާއިލާގެ އެންމެހައި މެމްބަރުންގެ ޢަމަލުތައް ބަހައްޓައިގެންކަން ވެސް ހުތުބާގައި ހަނދާންކޮށްދީފަވެއެވެ.

އިސްލާމީ އުންމަތުގެ ކުރިމަގު އުޖާލާކޮށް އުންމަތުގެ ޢިއްޒަތާއި ކަރާމާތް އަލުން އަނބުރައި އިޢާދަކުރެވޭން އޮތީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމާއި ތަރުބިޔަތުގެ ހިޔަލުގައި، ޢާއިލާ ބައްޓަންކޮށްގެން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން، ކޮންމެ މަޔަކާއި ބަފަޔަކު، ދަރީން ތަރުބިޔަތުކުރުމުގައި އިސްލާމް ދީން ގެނެސްދީފައިވާ މަންހަޖާ އެއް ގޮތަށް ޢަމަލުކުރުމަކީ، މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތްކަން ހުތުބާގައި ފާހަގަކޮށްފަވެއެވެ.

ހުތުބާގައި ބުނެފައި ވަނީ ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ اللّٰه تَعَالَىގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ އިސްލާމީ ޝިޢާރުތަކަށް މާތްކޮށް ހިތުމަށް ދަރީންނަށް ދަސްކޮށްދީގެންނާއި، މުންކަރާތްތަކުން ދުރުވާނެ ގޮތްތައް ދަސްކޮށްދީގެންނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް އިސްލާމީ ޙުކުމްތަކަކީ ރަމްޒީ އެއްޗެއް ނޫންކަމާއި، އެއީ އެއަށް ޢަމަލުކުރާންޖެހޭ ޙުކުމްތަކެއްކަން ދަރީންނަށް ދަސްކޮށްދީގެންނެވެ. ޢާއިލާގެ އެންމެ އަގުބޮޑު ޖަވާހިރުތައްކަމުގައިވާ ދަރީންނަކީ اللّٰه تَعَالَى ދެއްވާ ވަރަށް އަގުބޮޑު ނިޢުމަތެއް ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.