ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ.
މި ޝަރަފް އުތީމު ރައްޔިތުންނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ޝަރަފް އުތީމަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އުތީމުގެ ފަރާތުން އެ ޝަރަފްގެ އައްޑަނަ އާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ.
މިޖަލްސާގައި އުތީމު ރައްޔިތުން އުތީމު ގަނޑުވަރު ބެލެހެއްޓުމަށް ކޮށްދީފައިވަ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ޝަރަފު އެރުއްވުމަށް ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.
މިއީ މިފަދަ މަތިވެރި ޤައުމީ ޝަރަފެއް ރާއްޖޭގެ ރަށަކަށް އެރުވި ފުރަތަމަ ފަހަރެވެ.
އުތީމު ގަނޑުވަރާއި އުތީމު ރައްޔިތުން
އުތީމު ގަނޑުވަރަކީ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އުތީމު މަހާރަދުން) ގެ ޢާއިލީ މައިފުނަގެއެވެ. ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ. މިއީ، ދިވެހި ޤައުމީ އަގުހުރި ޚާއްޞަ ތަރިކައެކެވެ. އުތީމުގައި ހުންނަ އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އާސާރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުންވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. މި ފާއިތުވި 450 ވަރަކަށް އަހަރު، (އުތީމު ރަދުންގެ ޙަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، ހަމަ ޔަޤީނުންވެސް، 500 އަހަރަށް ވުރެ މަދުނުވާނޭ ދުވަސްތަކެއްގައި) މި ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަވައިފައިވެއެވެ. ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހައި ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. އެހެންކަމުން، ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ ޢިނާޔަތްތައް ލިބެމުންއައެވެ. އެއާއެކު ވެސް ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، ވަރަށް ފަހަކާ ޖެހެންދެން އުޖޫރައަކާ ނުލައި ކުރަމުން އައީ، އުތީމު ރައްޔިތުންނެވެ.
އުތީމު ރައްޔިތުން ގަނޑުވަރަށް ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެއް ކުރެއެވެ. ގަނޑުވަރުގެ އެތެރެ އޮންނަނީ އަބަދުވެސް ހިމުން ދޮންވެލި ލައިފައެވެ. މި ވެލި ލަނީ، ގޮނޑުދޮށުން ހިމުން ދޮންވެލި ގެނެސްގެން ބަތްޕޮޅިން ފޮޅައި، ކިތަންމެ ކުޑަ ކުނިކޮޅެއްވެސް އަދި ހަރު އެތިކޮޅެއްވެސް އޮތިއްޔާ އެ އެއްޗެއް ނަގައިފައެވެ. ބޭރު ގޯތިތެރެ އޮންނަނީ، ސާފު ކަށިވެލި ލައިފައެވެ. ގަނޑުވަރު ސަރަހައްދު ކުނިކަހަނީ، އުތީމު ރައްޔިތު އަންހެނުންނެވެ. ކުނިކެހުން ނިންމާލަނީ، ފަހަތަށް ފަހަތަށް ކުނިކަހަމުން އައިސް، އެއްވެސް ފިޔަވަޅެއްގެ އަސަރުވެސް އެ ސަރަހައްދުގައި ނުހުންނަ ގޮތަށެވެ. އެ ސަރަހައްދަށް އުތީމު ރައްޔިތަކު އާންމު ގޮތެއްގައި ނުވަންނާނެއެވެ. މަސްވެރީން ބާނާ މަސް ހިފައިގެން ގަނޑުވަރު މަގުން އެއްގަމަކަށް ނާރާނެއެވެ. އެއީ، ގަނޑުވަރު ސަރަހައްދަށް ލޭ ތިއްކެއްވެސް ޖަހައިފާނެތީއެވެ.
ގަނޑުވަރު ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އެހީއެއް ނުލިބި ވިއްސަކަށް އަހަރު ވުމަށްފަހު، ސަރުކާރުން މުސާރަދެއްވާ ޚާދިމަކާއި، މަސައްކަތު މީހުން ލައްވައި، ގަނޑުވަރު ބެލެހެއްޓުމާއި މަރާމާތުކުރުމާއި، މިފަދަ ހުރިހައިކަމެއް މިހާރު ކުރައްވަމުން ގެންދަވަނީ ސަރުކާރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!