ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ވަޑައިގަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން އެރަށު ބަނދަރުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސް އުތީމަށް ވަޑައިގެން ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ (އުތީމު ގޭޓު) އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ގަސް އިންދަވައި ދެއްވާފައެވެ.
އުތީމު ބަނދަރުގައި ރައީސަށް މަރުހަބާ ދެންނެވުމަށް ބޭއްވި ސަގަފީ އައިޓަމް، ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ބާއްވަވާ ރަސްމީ ޖަލްސާ ވަނީ ހެނދުނު 10 ޖަހާއިރު ފަށާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ 3 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ.
މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!